ސިނަމާލެ ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް އެ ސަރަހައްދު ދޭތެރެދޭތެރެއިން ބަލައި ފާސްކުރަމުން ދާނެ ކަމަށެވެ.
ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ތަހުގީގުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ބްރިޖު ދަށުގައި ދިރިއުޅެމުންދިޔަ މީހުން މިހާރު އެ ސަރަހައްދުން ފޮނުވާލާފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި އެ ސަރަހައްދުން މީހުން ފޮނުވާލާފައިވަނީ އެތަނުގައި އުޅުނު މީހުން ދެނެގަނެ، އެމީހުންގެ މައުލޫމާތު ސާފުކުރުމަށްފަހުގައެވެ. ބްރިޖު ދަށުގައި ދިރިއުޅެމުންދިޔައީ ބިދޭސީންތަކެއް ކަމަށާއި، އެމީހުން އެތަނުގައި ދިރިއުޅުމުގެ ސަބަބުން އުފެދިފައި ހުރި ކުނިބުނިތައްވެސް މިހާރު ސާފުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން މިހާރު ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިކަމާ ގުޅޭ ޚާއްސަ ރިޕޯޓެއް ތައްޔާރުކޮށް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.