ރާއްޖޭގެ މޫސުން ބެލުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގައި ޑޮޕްލަރ ރާޑަރު ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާޙިމް އިޢުލާނު ކުރައްވައިފިއެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ، އައްޑޫ ސިޓީގައި މޫސުމީ އިދާރާގެ ގޮފީގެ މުޅިން އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އައްޑޫ އަތޮޅު ގަމުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހުޅުލޭގައި މިހާރުވެސް ބޭނުންކުރަމުންދާ ފަދަ "އެސް-ބޭންޑް" ގެ ބޮޑު ރާޑަރެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އައްޑޫގައި މެޓް އޮފީސް އެޅުމަށް، އެ ޕްރޮޖެކްޓް ވަނީ ޑިޒައިންކޮށްފައި. އިނީޝިއަލް ފަންޑިން ވަނީ ހަމަޖެހިފައި. ޑޯޕްލަރ ވެދަރ ރާޑަރ ސިސްޓަމެއް ބަހައްޓާނެ. އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރާޑަރު ހަރުކުރުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ހދ. ކުޅުދުއްފޫށި، ވިލިމާލެ، ކައްދޫ، އަދި ފުވައްމުލައް ސިޓީ އެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވި ގޮތުގައި، މި ސަރަޙައްދުތައް ކަނޑައަޅާފައިވަނީ މުޅި ރާއްޖޭގެ މޫސުން އެންމެ ފުރިހަމައަށް ބެލެހެއްޓޭނެ ގޮތްތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ މޫސުން ބެލުމާއި ލަފާކުރުމުގެ ޤާބިލުކަން މިހާރަށްވުރެ އިތުރުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ މި މަޝްރޫޢުގެ ސަބަބުން، ގުދުރަތީ ނުރައްކާތަކަށް ދުރާލާ އިންޒާރުދޭ ޤައުމީ ނިޒާމު އިތުރަށް ހަރުދަނާވެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެއެވެ.