މާލޭގެ ދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާން ވަރަށް ބޮޑަށް މަރާމާތުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މި މައިޒާން ވަރަށް ބޮޑަށް ވިރާނާވެފައި ވަނިކޮށް، ބޮޑެތި ބަދަލުތަކަކާއެކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ސުނާމީ ބިނާ މޮނިއުމަންޓް ވަނީ އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށް، މުޅި ސަރަޙައްދުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އަލަށް ތަރައްޤީކުރި މައިޒާނުގައި ހިނގާބިނގާވެ އުޅުމަށް ޚާއްޞަ ވޯކްވޭތަކާއި، އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ގިނަ އިންތިޒާމުތަކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި އެތަނަކީ ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ގިނަ އަދަދަކަށް ގަސް އިންދައި، ފެހިކަން އިތުރުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގެ ރައްކާތެރިކަމަށްޓަކައި ވެސް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުން ޝީޓްފައިލްތައް ހަލާކުވެ ވެލިގަނޑު ދަމައިގަންނަ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން 75 މީޓަރުގެ ސަރަޙައްދެއްގައި އައު ޝީޓްފައިލް ޖަހާފައިވެއެވެ. މީގެ އިތުރުން ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ފެންސް ވެސް ވަނީ ޖަހާފައެވެ.
ސުނާމީ ބިނާ މައިޒާނަކީ އާންމުކޮށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ހަވީރު ގަޑީގައި ހިތްއުފާކޮށްލުމަށް ގޮސް އުޅޭ މަޤްބޫލު ސަރަޙައްދެކެވެ. އެމްޓީސީސީން މި މަސައްކަތް ނިންމާލުމާއެކު، މިހާރު މި މައިޒާން ވަނީ ކުރިއަށްވުރެ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ބަދަލުވެފައެވެ.