މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ލިބިއްޖެ

މިދިޔަ މާރިޗު މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މާރިޗު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހު ރާއްޖެއަށް ޖުމްލަ 5.7 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރި 4.4 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.60 ބިލިޔަން ރުފިޔާގެ ތެޔޮ ވަނީ އެތެރެކޮށްފައެވެ. ދެވަނައަށް އެންމެ ގިނައީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 1.05 ބިލިޔަން ރުފިޔާގެ މުދަލެވެ. ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ 959 މިލިޔަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ.

މާރިޗު މަހުގެ ތެރޭގައި ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ބޭރުގެ ގައުމުތަކަށް ވަނީ އެކްސްޕޯޓްކޮށްފައެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން 51 މިލިޔަން ރުފިޔާގެ ދަޅު މަސް އަދި 8 މިލިޔަން ރުފިޔާގެ ރޯމަސް އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ގައުމަށް 45 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ އިންޑިއާ، ޖަރުމަނުވިލާތް، ފްރަންސޭސިވިލާތް އަދި ކޮސްޓަރިކާ އަށެވެ.

މިއަދު އޮންލައިން