ޢަޒީޒާ އާއި ވަޙީދާއަކީ ދެއެކުވެރިންނެވެ. ޢަޒީޒާގެ ބައްޕައަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ. ވަޙީދާ ކުރާ މަސައްކަތަކީ މަންމައާއިއެކު ގޭގައި ހެދިކާ ހަދައިގެން ވިއްކުމެވެ. ހަދިކާ ހެދުމުގެ އިތުރުން ގޭގައި ހުންނަ ހެދިކާ ވިއްކާ ކުޑަފިހާރައިގައިވެސް އިނދެއެވެ.
ވަޙީދާ ދެކެ ލޯބިވާކަމަށް ބުނެ ކައިވެނިކުރަން އެދުނު މީހަކާ ކައިވެނިކުރަން އެއްބަސްވިއެވެ. ކައިވެނިކުރާނެ ދުވަސްވެސް ކަނޑައެޅިއެވެ. އެއްބަސްވެފައިވާ ދުވަހު ރަންކިޔަން ފޮނުވުމުގެ ބަދަލުގައި ދިއައީ ޢަޒީޒާ ގޮވައިގެންނެވެ.
ގޮސް ބުނީ ޢަޒީޒާ ލިބުމުން ވަޙީދާއާއި ކައިވެނިކުރެވެން ނެތްކަމަށެވެ. ޢަޒީޒާގެ ބައްޕަގެ ކުންފުނިން ރަނގަޅު މަޤާމެއްވެސް ލިބޭނެތީ އެފުރުޞަތު ދޫކޮށްނުލަންވެގެން ކަމަށެވެ. ވަޙީދާ ވަރަށް ދެރަވިއެވެ. ލޮލުން ވަޤުތުން ކަރުނަވެސް އޮހޮރުނެވެ. ނަމަވެސް ކަރުނަފުހެލާފައި ބުނީ ދެމީހުންގެ ގުޅުމަށް މަރުޙަބާކިޔައި ހެޔޮދުޢާކުރާ ކަމަށެވެ.
އެކަމުގެ ހިތާމައިގައި ހުރިއިރުވެސް ވަޙީދާ ހިތްވަރު އެރުވައެއް ނުލައެވެ. ޔަޤީންކޮށްގެން ހުރީ އޭނާގެ ދުޢާ ޢިޖާބަކުރައްވަވައި މާރަނގަޅު ފިރިއަކު ދެއްވަވާނެ ކަމަށެވެ. އެކަން މެދުވެރިވީވެސް އެގޮތަށެވެ. މަހެއްހައި ދުވަސްވެސް ނުވަނީސް ތަނަވަސް މީހަކު ލިބި ކައިވެނިކުރެވިއްޖެއެވެ.
ފިރިމީހާ ފުރަތަމަވެސް ކުރިކަމަކީ ގޭގައިހުރި ކުޑަފިހާރަ ބޮޑު ފިހާރައަކަށް ބަދަލުކޮށް ފުރެންދެން މުދައުލައިދިނުމެވެ. އަނބިމިހާ އާއި މައިދައިތަ ލައްވައި މަސައްކަތް ނުކުރުވަންވެގެން ދުވަހު މުސާރައަށް އަންހެނުން ގެނުވައިގެން މަސައްކަތްކުރުވަން ފެށުމެވެ. އެއީ ހެދިކާ ހެދުމުގެ މަސައްކަތް ހުއްޓާލަން މައިދައިތަ ބޭނުންނުވުމުންނެވެ.
ހައަކަމަސް ފާއިތުވިތަނާ ވަޙީދާގެ ފުރަތަމަ ލޯބިވެރިޔާ ވަޙީދާ ހޯދަން ދިއައެވެ. ވަޙީދާ އިންނަ ކުޑަފިހާރަ އެންމެ ބޮޑު ފިހާރައަކަށްވެފައި ހުރުމުން ޝައްކެއްގެ މަތީގައި ހުރެ ފިހާރައަށް ވަންއިރު ވަޙީދާ ފިހާރައިން ނުކުންނަނީއެވެ. ލަދެއްވެސް ނެތި ވަޙީދާގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެން އިނދެ ބުނީ މިއައީ މާފަށް އެދެން ކަމަށެވެ. ވަޙީދާ ބުނީ ކޮންމެކަމަކު އަޔަސް ތިއައުޅެނީ ފިރިހެނުން އުޅެންވާނެ ގޮތަކަށް ނޫން ކަމަށެވެ. އަވަހަށް ތެދުވުމަށެވެ.
އެހެން ބުނުމުން ތެދުވެ ވަރަށް ދއެަވެފައި ހުރެގެން ބުނީ ޢަޒިޒާ އޭނާއަށް ލަނޑުދީފައި ބާކީކޮށްލައިފިކަމަށާއި މިއައީ މާފަށް އެދި އަލުން ގުޅުމުގެ ބޭނުމުގައި ކަމަށެވެ. ވަޙީދާ ބުނީ ތިއަ ކުޑަކަކޫ ޖެހީ ފިހާރަފެނިގެންތާއެވެ. ވަޤުތު ފާއިތުވެއްޖެއެވެ. މިއީ އަހަރެންގެ ފިރިމީހާ މަންމައަށް ދީފައި ހުރި ހަދިޔާއެއް ކަމަށެވެ. ވީމާ އިތުރަށް އުނދަގޫކުރަން ނުހަދައި އެހެން އަންހެނަކު ހޯދުމަށެވެ.
މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރި ވަޙީދާގެ ވާހަކައެވެ. ވަޙީދާ މިއަދުވެސް ދިރިއުޅެނީ އުފަލުން ފުރިގެން ހުރެއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޙަޤީޤީ ލޯބިވެރިން ދޫކޮށްލައި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހުންނަށް މިވާހަކައިގައި ރަނގަޅު ފިލާވަޅެއްވާނެ ކަމަށެވެ.
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-