ވަސީމްގެ މަންމަ ނިޔާވީ އޭނާގެ ޢުމުރުން 10 އަހަރުގައެވެ. ޖެހިގެން އައި އަހަރު ބައްޕަ ދެވަނ ކައިވެނިކުރިއެވެ. ކައިވެންޏަށް 4 ވަނަ މަހު ދޮންމަންމަ ވަސީމްގެ ކޮނޑުގައި ދަބަސްއަޅުވާފައި ކާފަގާތަށްދާން ފޮނުވައިލީ ބައްޕަގެ ކުރިމަތީގައެވެ. ވަސީމް މަގުމަތީގައި އިރުކޮޅަކު މަޑުކޮށްލިއެވެ. އެއީ ބައްޕަ އަނބުރައި އޭނާ ގެއަސްވައްދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއީ ނުވާނެ ކަމެއްކަން އެނގުމުން މަޑުމަޑުން ހިނގާފައި ކާފަގެގެއަށް ދިއައީއެވެ.
މުސްކުޅި ކާފަ ވަރަށް ދެރަވިއެވެ. އެންމެ ބޮޑަށް ދެރަވީ ބަލިޙާލު ހުރިގޮތުން ދަރިފުޅަށް އެއްވެސް ކަމެއް ކޮށްނުދެވޭނެތީއެވެ. އަމިއްލަ ޙާލަށްވެސް ތެދުވެ ނުއުޅެވޭތީއެވެ. އެޙާލުގައިވެސް ދަރިފުޅަށް މަރުޙަބާ ކިޔައި ގޭގައި ހުންނަން ބުންޏެވެ.
ވަސީމަށް ޖެހުނު ޙާލު އެނގުމުން އަވަށްޓެރި އަންހެނަކު އައިސް ކާފަޢާއި ވާހަކަދައްކައި ރުއްސައިގެން ވަސީމް އެގެއަށް ގެންދިއައެވެ. ކާފަބުނީ ކޮންމެ ދުވަހަކުވެސް ކާފަގެ ގާތަށް އައިސް ފެނިލަންވާނެ ކަމަށެވެ. އެއީ ކާފައަށް ހިނގާށފައި ނުދެވޭނެތީއެވެ.
އަވަށްޓެރިޔާ ވަސީމާއިމެދު ކަންަތއްކުރީ ވަރަށް ރަނގަޅަށެވެ. އަމިއްލަ ދެދަރިންނާއިމެދުވެސް ކަންތައްކުރާ ގޮތަށެވެ. ދަރިއަކު ފަދައިން ބަލަހައްޓައި ކިޔަވައިދިނެވެ. މަތީ ތަޢުލީމަށް މެލޭސިޔާއަށް ފޮނުވައިދިނެވެ. އެކަން ކޮށްދެވުނީ އަމިއްލަ ދެދަރިން މާލެއިން ކޮލެޖު ނިންމާފައި އިތުރަށް ކިޔަވަން ބޭނުންނުވީތީއެވެ.
ވަސީމްގެ ކިޔެވުން އެކިދާއިރާތަކަށް ބަދަލުކުރަމުންގޮސް ކިޔެވުން ނިންމީ ލިބުނު ސްކޯލާޝިޕެއްގައި އެމެރިކާޢަށް ގޮސް ފްލައިޓްއިންޖިނޭރަކަށްވެގެންނެވެ. ކިޔަވައިނިމިގެން ރާއްޖެއައުމުގެ ބަދަލުގައި ވަޒީފާހޯދީ ޢަރަބި ޤައުމެއްގެ އެއާލައިނަކުންނެވެ.
ވަޒީފާގައި ހަމަޖެހިލުމަށްފަހު ގެންގުޅެ ބޮޑުކުރި މަންމައަށް (އަވަށްޓެރިޔާއަށް) އޭނާގެ ގާތުގައި މަޑުކޮށްލަން ދިއުމަށް ދަޢުވަތުދިނެވެ. އެއިރު ދެދަރިންވެސް ކައިވެނިކޮށްގެން ތިބުމާއިއެކު ވަސީމްގެ ދަޢުވަތު ޤަބޫލުކޮށް ވަސީމްގެ ގާތުގައި މަޑުކޮށްލަން ދިއައެވެ.
އެކުގައި މަހެއްހައި ދުވަހު އުޅުމަށްފަހު ވަސީމް ދެއްކީ ސިއްސައިގެންދާފަދަ ވާހަކައެކެވެ. "ތިއައީ އަހުރެންގެ މަންމައާއި ބައްޕައެވެ. އެއިގެ އިތުރުން ޒުވާން އިރުންސުރެ އަހުރެންގެ ހިތުގެ ލޯބިވެރިޔާވެސްމެއެވެ. ޢުމުރުގަ 15 އަހަރުގެ ތަފާތުހުރިކަން އެނގެއެވެ. އެކަން އެނގިހުރެ ބުނަމެވެ. އަހުރެން ބޭނުންވަނީ ކައިވެނިކުރާށެވެ. ދުވަހަކުވެސް ވަރިނުކުރާނެ ކަމަށް ހުވާކުރަމެވެ."
އޭނާ ވަސީމަށް ވިސްނައިދިނެވެ. ވަސީމަށް އެގޮތަށް ވިސްނުނަސް ވިސްނުން ބަދަލުވާނެކަމެވެ. އެއް ޢުމުރުގެ އަންތބަކު ބޭނުންވާނެ ކަމެވެ. ވަސީމްގެ ޖަވާބަކަށްވީ ތިއަ ދުވަހެއް އަތުވެއްޖެނަމަ ދެވަނަ އަންތބަކު ހޯދާނީއެވެ. އަހުރެންގެ މިނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. ޢުމުރުން 20 އަހަރުންސުރެ ނިންމައިގެންހުރި ނިންމުމެކެވެ.
އިތުރަށް ވިސްނަން ފުރުޞަތުދިނުމުންވެސް ވަސީމް ގޮތްދޫނުކުރުމުން ރުހި ކައިވެނިކުރީއެވެ. "އެމަންމައާއި އެދަރިފުޅު"ގެ ކައިވެންޏަށް މިހާރު 3 އަހަރެވެ. ވަސީމަށް 33 އަހަރެވެ. އަނބިމީހާއަށް 48 އަހަރެވެ. ވަސީމް އަދިހުރީ ހިތްހަމަޖެހިގެން އުފަލުގައެވެ.
ކާފަނިޔާވެފައިވާތީ ވަސީމް ރާއްޖެ އަންނަން ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަރަކު އެއްފަހަރު ދަރިން ދެކެން އަނބިމީހާ ރާއްޖެ ފޮނުވައެވެ.
މިވާހަކަ މިކިޔައިދިނީ ވަސީމްގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެ މަޤްޞަދެއްގައެވެ. ފުރަތަމަ ބޭނުމަކީ ދަތިޙާލުގައި އުޅެންޖެހޭ ކުދިންނަށް އެހީޓެރިވުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ. ވިސްނަންވީ ކުއްޖާއާއި ކައިވެނިކުރުމަކަށް ނޫނެވެ. އެކަމުގެ ސަބަބުން ﷲ ލައްވަވާނެ ރަޙްމަތަށެވެ. ނުއެނގެނީ ރަޙްމަތް ލައްވަވާނެ ގޮތެކެވެ. ދެވަނަ ކަމަކީ ލޯބިވުމަށް ވަކިޢުމުރެއް ނެތްކަމެވެ. ހިތަށް އުފާވެރިކަން ލިބޭނީ ވަކިޢުމުރެއްގެ މީހަކާ ކައިވެނިކޮށްގެން ނޫންކަމެވެ.
ވަސީމް އެންމެފަހުން ބުނެފައިވަނީ އަދި 2 އަހަރުވާއިރު ދަރިއަކު ނުލިބިއްޖެނަމަ ދަރިއަކު ހޯދުމުގެ ބޭނުމުގައި ދެވަނަ ކައިވެނިކުރާނެ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް އަނބިމީހާ ދެރަވާނެ އެއްވެސް ކަމެއް ނުކުޜާނެ ކަމަށެވެ. މާނައަކީ އަނބިމިހާ ދޫކޮށްނުލާނެކަމާއި ލޯބިން ގެންގުޅޭނެ ކަމެވެ.
- ފާއިޤް / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ