އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ދައުލަތަށް 2.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ލިބުނު އާމްދަނީއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަހު މި ފަރާތްތަކުން 1.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 150 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މާޗު މަހުގެ ނިޔަލަށް މި ދާއިރާއިން 520 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 329 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 57.8 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މާރިޗު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީއަކީ 4.03 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ އެ މަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ފާހަގަކުރެއެވެ.
އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ކުންފުނިތަކުން ނަގާ ޓެކްސް އިތުރުވުން ހިމެނެއެވެ. ޚާއްޞަކޮށް 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމަކީ ޓޫރިޒަމާ ގުޅުންހުރި ޓެކްސްތަކުގެ އާމްދަނީ މަތިވުމަށް މެދުވެރިވި ސަބަބެކެވެ.
މީރާއިން އިތުރަށް ބުނިގޮތުގައި މާޗު މަހު ލިބުނު އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި ޖުމުލަ އާމްދަނީގެ 7.6 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.