ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިޢުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ ވެރިންނާއި، ވެރިޔާގެ އެހީތެރިންނާއި، އާދައިގެ އޮފިޝަލުންގެ އިތުރުން ރިޒާވް އޮފިޝަލުންގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މި މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރަތަކަށް ބަލާއިރު، މަރުކަޒުގެ ވެރިޔަކަށް 2،200 ރުފިޔާ، ވެރިޔާގެ އެހީތެރިއަކަށް 1،900 ރުފިޔާ، އާދައިގެ އޮފިޝަލަކަށް 1،800 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަސައްކަތްކުރާ ވަގުތަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް އީސީން ބުނެއެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި، ކެންޑިޑޭޓެއްގެ އާއިލާގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުޠެކެވެ. މީގެ އިތުރުން ކެންޑިޑޭޓެއްގެ މަންދޫބެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ހޮވޭ އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 1 އިން 3 އަށެވެ. އެހެންކަމުން، އޮފިޝަލަކަށް ވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.