ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ދޭ ވޯޓަކަށް ނުބަލާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ދޭ ވޯޓަކަށް ނުބަލާނެ: ވަޒީރު

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުން ދޭ ވޯޓަކަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި، ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ވަޒީރު ވަނީ ރައްދު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، މިހާރުވެސް އެ ރަށުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، "ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،" މިފަދައިންނެވެ. މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން