2027 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
2027 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2027 ވަނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ޚިދުމަތް ވަކިވަކިން ޤާއިމްކޮށްފައިވާ ރަށްތަކުގައިވެސް އެ ނިޒާމްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފެނުގެ ޚިދުމަތް ދެމުންގެންދިޔައީ އެންމެ 66 ރަށުގައެވެ. ނަމަވެސް، ސަރުކާރުގެ ހަލުވި މަސައްކަތްތަކާއެކު މިއަހަރުގެ މިހާތަނަށް 141 ރަށެއްގައި ފެނުގެ ވިއުގަ ޤާއިމްކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން، އިތުރު 75 ރަށެއްގައި ފެނުގެ ވިއުގަ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަށް ބަލާއިރު، މި ސަރުކާރު ހަވާލުވިއިރު އެ ޚިދުމަތް ލިބެމުންދިޔައީ 101 ރަށުގައެވެ. އެހެންނަމަވެސް، މިހާރު 152 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ވަނީ ފޯރުކޮށްދޭން ފަށާފައެވެ. ބާކީ ހުރި 37 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި މި ނިޒާމްތައް ޤާއިމްކޮށް ނިންމުމެވެ.

މި މަސައްކަތާ ގުޅޭގޮތުން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، "ފެނާ ނަރުދަމާގެ ޤާނޫނުގައި ލާޒިމް ކުރޭ ވަކި މުއްދަތެއްގެ ތެރޭގައި ޚިދުމަތް ރައްޔިތުންނާ ފޯރުކޮށްދީ ނިންމުމަށްޓަކައި. މިހާރު 2027 ވަނަ އަހަރު ނިމުމުގެ ކުރިން ބާކީ ހުރި ރަށްރަށުގައި މި މަސައްކަތް ޤާއިމްކޮށް ނިންމާލެވޭނެ،" ކަމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ %90 ރަށުގައި ފެނުގެ ނިޒާމް ވަނީ ޤާއިމްކޮށްފައެވެ. އަދި %95 ރަށުގައި ނަރުދަމާގެ ޚިދުމަތް މިހާރުވެސް ވަނީ ޤާއިމްކޮށް ނިމިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ޚިދުމަތްތައް ސައްތަ އިން ސައްތަ ރަށްތަކަށް ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން