ގިރާވަރު ފަޅު ހިއްކުމުގެ ބޮޑު މަޝްރޫޢު ކުރިއަށް އޮތް މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް މަޖިލީހަށް ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި، ގިރާވަރު ފަޅު ހިއްކާ ނިންމާލެވޭނެ ތާރީޚަކާއި، ގޯތީގެ ޕްލޮޓްތައް ހަވާލުކުރާނެ ގޮތުގެ އިތުރުން، އެ ފަޅުން ދޫކޮށްފައިވާ ގޯތިތައް އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ވަނީ އޮޅުންފިލުއްވާފައެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން، ވެރިކަން ބަދަލުވިއިރު ނިންމާފައި އޮތީ އެންމެ 54 ހެކްޓަރުގެ މަސައްކަތް ކަމަށާއި، އޭރު އެ މަސައްކަތް އޮތީ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި މަޑުޖެހިފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގޯތިތަކުގެ ރެޖިސްޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ގޯތީގެ ރެޖިސްޓްރީ ހަދާނީ ހިކިފަސް ބިމަށް" ކަމަށެވެ. ނިމުނު ސަރުކާރުން ބިން ނުހިއްކާ ރެޖިސްޓްރީ ހަވާލުކުރުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.