ލާމު އަތޮޅު ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ލާމު އަތޮޅު ގާދޫގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، "ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ޤާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ މަސައްކަތް ކުރަމުން،" ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށާއި، އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ލ. ގާދޫގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.