ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއްޔެއާއި މިއަދު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާއެކު، އައު ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަމަށް ބަދަލުގެންނެވުމާ ގުޅިގެން، ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަށް ދިވެހިބަހުން ކިޔާނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަށް ކިޔާނީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއަށް ބަލާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަށް ކިޔުމަށް ހަމަޖެއްސެވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އެވެ. އަދި ޞިއްޙީ ދާއިރާގެ ވުޒާރާއަށް ކިޔާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އެވެ.
އިގުތިސާދީ އަދި މަސްވެރިކަމުގެ ދާއިރާއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ކިޔާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް ކިޔާނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ ކިޔާއިރު، ޒުވާނުންނާ ބެހޭ ވުޒާރާއަށް ކިޔާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އެވެ.
އުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ދާއިރާއިން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގެ ނަން ވެސް ވަނީ ހަމަޖައްސަވާފައެވެ. ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް އިއުލާނުކޮށް އެކަން ބަޔާންކޮށްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ ދެންނެވުމެއްގައެވެ.