ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ބަދަލުތަކެއް ގެންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 51ސ
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ބަދަލުތަކެއް ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ބައެއް ވުޒާރާތައް އުވައިލެއްވުމާއި، މުޅިން އަލަށް ވުޒާރާއެއް އުފެއްދެވުމުގެ އިތުރުން، ގިނަ ވުޒާރާތަކެއްގެ ނަން ބަދަލުކުރެއްވުން ހިމެނެއެވެ. މި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިހާރު އާންމުކޮށް އިޢުލާންކުރައްވާފައެވެ.

މި ބަދަލުތަކުގެ ތެރެއިން މުޅިން އަލަށް އުފެއްދެވި ވުޒާރާއަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެވެ. މީގެ އިތުރުން ހަ ވުޒާރާއެއް ވަނީ އުވައިލައްވާފައެވެ. އޭގެ ތެރޭގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް، ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ ހިމެނެއެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ނަންތަކަށް ގެންނެވި ބަދަލުތަކަށް ބަލާއިރު، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ" ގެ ނަން ވަނީ "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ" އަށް ބަދަލުކުރައްވާފައެވެ. އަދި "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ" ގެ ނަން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް ބަދަލުކުރައްވާފައިވާއިރު، އެޑިޔުކޭޝަން މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ" އަށް، އަދި އިކޮނޮމިކް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އަށް ވަނީ ބަދަލުކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީގެ ނަމަށް "އެންޑައުމަންޓްސް" އިތުރުކުރައްވާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް ބަދަލުކުރައްވާފައެވެ.

ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް ބަދަލުކުރައްވައި، ދިވެހި ބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ނަން ވަނީ "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް" އަށް ބަދަލުކުރައްވާފައެވެ. ހަމައެއާއެކު، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް" އަށް އަދި ފިޝަރީޒް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް" އަށް ވަނީ ބަދަލުކުރައްވާފައެވެ.

އިދާރާތަކުގެ ބެލެނިވެރިކަމަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ކުރިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ކެރިއަރސް ސަރވިސް" މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" އާއި "ޢާއިލާތަކާއި ކުޑަކުދީންނަށް ޚިދުމަތްދޭ މަރުކަޒުތައް" އާއި "އަމާންހިޔާތައް" އާއި "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު" އާއި "އިސްރަށްވެހިންގެ ނާދީތަކާއި" "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" އާއި އެ ސަރވިސްގެ ދަށުން ހިނގަމުންދިޔަ "ފިޔަވަތި" އާއި "އަމާންވެށިތައް"، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރައްވާފައިވާއިރު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން" އާއި "ޤައުމީ ކުތުބުޚާނާ" އާއި "ޤައުމީ އަރުޝީފު" އާއި "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް" އާއި އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ"، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އާއި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް" އާއި "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް"، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.

މިއަދު އޮންލައިން