ކައިވެނިކޮށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. 3 ދަރިން ލިބުނު ތަނާ ފިރިމީހާ އެކްސިޑެންޓްވެ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުން އެއީ އެއްވެސް ބޭނުމެއް ނުހިފޭނެ މީހެއް ކަމަށްބުނެ 3 ދަރިން ދީފައި ނުކުމެގެންދިއައީއެވެ.
ޢޭނާއަށް ޖެހުނު ނިކަމެތިޙާލުގައި މުސާރައެއް ނުލިބުނަސް ހެޔޮކަމަށް ގޭގައި ގެންގުޅުނު ނޯކަރު ކުއްޖާ މަޑުކުރިއެވެ. އެއީ 3 ދަރިން އޭނާ ގެންގުޅުނީ އަމިއްލަ ދަރިން ކަމަށް ދެކެގެން ވަރަށް ލޯބިން ކަމަށްވާތީއެވެ.
އެއް ދުވަހަކު 3 ދަރިންވެސް ގޮވައި ނޯކަރުކުއްޖާ ހަވީރު ގެއިން ނުކުތީ ފުރޮޅުލީ ގޮނޑިއެއްގައި ވެރިމީހާވެސް ގޮވައިގެންނެވެ. ކައިރީގައި އޮންނަ ޕާކަކަށްގޮސް ކުދިންނަށާއި ވެރިމީހާއަށް ހިތްހަަމޖެހުމެއް ހޯދައިދެވޭތޯއެވެ.
ޕޢކުގައި އުޅުމުގެ ތެރޭގައި ވެރިމީހާގެ އަނބިމީހާ ފެނުނީ ތަނަވަސްމީހަކާއިއެކުގައި ހުއްޓައެވެ. ކުދިންނަށް މަންމަ ފެނުމުން ދުވެގޮސް މަންމާއޭ ކިޔަމުން ގައިގައި ބައްދައިގަތެވެ. އޭނާގެ ގާތުގައި ހުރިމީހާ ޙައިރާންވެފައި ހުއްޓެވެ. އެހެން ހުރެފައި އެމީހާ އައިސް ފިރިމީހާ އާއި ސުވާލުކޮށް ކަންކަން އޮޅުންފިލުވިއެވެ.
އޭނާ ބުނީ ކައިވެނިކޮށް ވަރިވެގެން ހުރިކަމަށާއި އަދި ދަރިއަކު ނެތްކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިވަޤުތުން ފެށިގެން އޭނާއާއި އެއްވެސް ގުޅުމެއް އިތުރަށް ނުބާއްވާނެ ކަމަށެވެ. އަދި އެނާއަށް ކުރިމަތިވެފައިވާ ޙާލަތަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީއެއްވެސްވެދިނެވެ.
ޢާއިލާ ގެއަށް އައިތަނާހެން އަނބިމީހާ ގެއަށް އައިސް މާފަށް އެދުނެވެ. ފިރިމީހާ ބުނީ ދަރިންނަށް ހެޔޮކޮށް ހިތައިގެން އިންނަން ބޭނުންވެއްޖެނަމަ ގޭގައި އިނދެވިދާނެ ކަމަށެވެ. ނަމަވެސް އަނބިމިހާގެ ކިބައިން އެއްވެސް ކަމެއް ޢޭނާ ބޭނުންނުވާ ކަމަށެވެ. ތިއަދިނީ ނޯކަރެއްގެ މަޤާމުތޯ ސުވާލުކުރީމާ ބުނީ ދަރިންގެ މަންމަގެ މަޤާމު ކަމަށެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް ދެން އަނބިމީހާގެ މަޤާމު ދެވެން ނެތްކަމަށެވެ. އެހެން ބުނުމުންވެސް އަންހެންމީހާ ބޭނުންވީ ގޭގައި އިންނާށެވެ.
ހަފްތާއެއްވަރު ފަހުން ފައިސާގެ އެހީ ވެދިންމީހާ އެގެއަށް އައިސް ޢާއިލާއާއި ގުޅުން އުފެއްދިއެވެ. އަދި ވެވުނުވަރަކުން އަބަދުވެސް އެހީތެރިވާނެކަމަށް ބުންޏެވެ. އެކަމަކު އަންހެންމީހާއާއި އެއްވެސް ވާހަކައެއް ނުދައްކައެވެ.
ހަމަސްދުވަސްފަހެވެ. ތަނަވަސްމީހާ ބޭނުންވީ ނޯކަރު އަންހެންކުއްޖާއާއި ކައިވެނިކުރާށެވެ. ކައިވެންޏަށްފަހުގައިވެސް ޢާއިލާގެ ޚަރަދުތައް ބަލަހައްޓައިދޭނެކަމަށްވެސް ބުންޏެވެ. އެކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހު އެމީހާއަށް އަންތބަކުވެސް ހޯދައިދިނެވެ. އެއަނބިމީހާ ކަސްރަތުކޮށްދީ ކުރި ބުރަ މަސައްކަތުން ފިރިމީހާއަށް ހިނގޭގޮތްވެސްވިއެވެ.
އެދެމަފިރިން ލޯބިން އެކުގައި އުޅޭތަން ފެނުމުން ދަރިންގެ މަންމައަށް ކެތްނުކުރެވިގެން ދެއަންތބަށްނަމަވެސް ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އެފުރުޞަތުނުދީ ބުނީ ބޭނުންނަމަ މިހާރުވެސް އިން ޙައިޞިއްޔަތުން ގޭގައި އިނދެވޭނެ ކަމަށެވެ. ބޭނުންނޫންނަމަ ކުރިން ދިއަގޮތަށް ނުކުމެގެންދާންވީ ކަމަށެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ދިގުވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކައިން ދެކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އެޢާއިލާއަށް ކުރިމަތިވި އެނިކަމެތިޙާލުގައި ނޯކަރު އަންހެންކުއްޖާވީ ޤުރްބާނީގެ ބަދަލު އޭނާއަށް ލިބުނު ފުރިހަމަކަމެވެ. ތަނަވަސް ފިރިއަކު ލިބުނު ކަމެވެ. ދެވަނައަށް ފާހަގަކުރާނީ އަމިއްލަ އުފަލަށްޓަކައި ފިރިމީހާއާއި 3 ދަރިން ދޫކޮށްލި އަނބިމީހާއަށް ލިބުނު ބޮޑު ހިތްދަތިކަމެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިއީ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.
- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް