ވަދީފާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. 22 އަހަރުވީއިރު 3 މީހަކު ދެކެ ލޯބިވެވުނެވެ. ވަކިވާންޖެހުނީ އޭނާދެކެ ލޯބިވުމުގެ ބަދަލުގައި އޭނާގެ ތަނަވަސްކަން ދެކެ ލޯބިވާތީއެވެ.
އެހިސާބުން ފޭސްބުކުގައި އައިޑީއެއްހަދައި ވަރަށް ފަޤީރު އަނަހެނަކަށްވެގެން އުޅެންފެށިއެވެ. އެހެންވެ ސަމާލުކަންދޭނެ މީހަކު ނުވެ ހުއްޓައި އޭނާފަދަ ފަޤީރު މީހަކު އޭނާއަށް ސަމާލުކަންދިނެވެ. ދެމީހުންގެ މެދުގައި ގުޅުން ބަދަހިވަމުން އައިސް ލޯތްބަށް ބަދަލުވިއެވެ.
އެހިސާބުން އޭނާގެ އެޑްރެސް އޮޅުންފިލުވައިގެން ބައްދަލުކުރަން ދިއައެވެ. ނަމަވެސް ލޯބިވެރިޔާއަށް އޭނާ ފެނުމުން ވަރަށް ލަދުގަތެވެ. އެއީ ދިއަކާރު އަގުބޮޑުވެފައި ލައިގެންހުރި ހެދުމާއި އަޅައިގެންހުރި ގަހަނާއިން ލޯބިވެގެން މިއުޅެވުނީ ތަނަވަސް އަންހެނަކާއިކަން އެނގުމުންނެވެ. އެހެންކަމާއިއެކުވެސް އޭނާ ސާބިތުވިއެވެ. އެއީ އޭނާގެ ޙަޤީޤަތް އޭނާ އޮޅުވައިނުލާތީއެވެ. ވަރަށް ބޮޑު ފަޤީރެއްކަމަށް ބުނެގެން ހުރީތީއެވެ.
އަންހެންކުއްޖާ ބޭނުންވީ އޭނާގެ ގެ ދެއްކުމަށެވެ. ގެދެއްކިއިރު ވަރަށް އާދައިގެ ކުޑަކުޑަ ގެއެވެކެވެ. ގެއަށްވަދެ މަންމައާއި ބައްދަލުކޮށްފައި ބުންޏެވެ. "އަހުރެންގެ ލޯބިވެރިޔާގެ ހުރީ ހަމައެކަނި މަންމައެއްކަން އެނގެއެވެ. އެހެންވެ މަންމަގެ ގާތަށް މިއައީ ކައިވެންޏަށް ރުހުން ހޯދާށެވެ. މަންމަގެ ދަރިފުޅު ވަރަށް ރަނގަޅެވެ. އެއްވެސް ދޮގެއް ނުހަދައެވެ. ފަޤީރެއްކަމަށް ހެދިގެން ދޮގުހެދީ އަހުރެންނެވެ. އެކަމަކު އެދޮގުހެދީ ޙަޤީޤީ ލޯބިވެރިއަކު ހޯދުމުގެ ބޭނުމުގައެވެ. ވީމާ ދެމައިން އަހުރެންނާއިއެކު އަންނާށެވެ. އަހުރެންގެ ބައްޕަ ހުރީ ރުހިގެންނެވެ."
އެދެލޯޞިވެރިންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށް މިހާރު 10 އަހަރެވެ. 3 ކުދިންވެސް ލިބިއްޖެއެވެ.
މިވާހަަކ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. އެންމެންވެސް އެޒުވާނާ ފަދައިން ތެދުވެރިވާނެ ނަމައެވެ. ތިމާގެ ޙާލަތު ޙަޤީޤަތަށް ހާމަކުރިޔަސް ތަނަވަސް ބައިވެރިންވެސް ލިބޭކަން މިއޮތީ އެނގޭށެވެ!
- ފަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް