ގދ. ތިނަދޫ ސިޓީގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފަށާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އަޙްމަދު އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ. މީގެ ތެރެއިން ނަފްސާނީ ފަރުވާގެ ޚިދުމަތަކީ މިވަގުތަށް އެ ސަރަހައްދަށް ނުހަނު ބޭނުންތެރި ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅޭ އަތޮޅެއްކަން ފާހަގަކުރައްވަމުން އަޝްރަފް ވިދާޅުވީ، ވަކިން ޚާއްސަކޮށް ތިނަދޫގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހުރީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރެއްގައި ކަމަށެވެ. "ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުން" އަޝްރަފް ވިދާޅުވިއެވެ.
މި ކްލިނިކް ޤާއިމްކުރެވިގެންދިއުމަކީ ތިނަދޫ ސިޓީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ ރައްޔިތުންނަށް ނަފްސާނީ ފަރުވާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ މި ފެސިލިޓީގެ މަސައްކަތްތައް އަވަސްކޮށް، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.