ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޚާއްސަ ޕްރޮގްރާމްތައް ހިންގުމަށް ގާއިމުކުރާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތް ނިންމައި، އަންނަ ޖުލައި މަހު ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
މި ހަބަކީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީ ކުރުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ އިތުރުން އެމީހުންނަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހި ކޮށްދިނުމަށް ގާއިމް ކުރެވޭ މަރުކަޒެކެވެ. ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ތަރައްގީ ކުރަމުން އަންނަ މި މަރުކަޒުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
މި މަރުކަޒު ޑިޒައިން ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ފަސޭހަވާނެ ގޮތްތަކަށް ބަލައިގެންނެވެ. އެގޮތުން ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނޭހެން ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކަށް ޚާއްސަ "ސެންސަރޫ ރޫމް" އެއްގެ އިތުރުން ފާޚާނާއާއި ނަމާދު ކޮޓަރިވެސް މި އިމާރާތުގައި ހިމެނެއެވެ.
މި މަރުކަޒުގައި ތަފާތު އެކި ދާއިރާތަކުން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާ، ރީޓެއިލް މަސައްކަތުގެ ތަމްރީނު، އަދި އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި ތަމްރީނުތަކުގައި ބައިވެރިން ތައްޔާރުކުރާ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ޖާގައަކާއި، އެ ތަކެތި ވިއްކާ ފިހާރައެއްވެސް މި މަރުކަޒުގައި ހުންނާނެއެވެ.
މި މަޝްރޫޢަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށްގެން، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަރުކަޒުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، އުފެއްދުންތެރި ގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.