ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ސާމާނު އާންމުކޮށް ގެންނަނީ މެދުއިރުމަތިން ކަމަށްވާތީ، އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތި ލިބުމުގައި ހުރަސްތަކެއް އެބަހުރި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ މެންބަރުން ވަނީ އަތޮޅުތަކުގައި ކުރިއަށްދާ ބައެއް މަޝްރޫޢުތައް މަޑުޖެހެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޚާއްޞަކޮށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވަނީ އެ ދާއިރާގެ ފޮއްދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ނުލިބިގެން މަސައްކަތް ލަސްވާ މައްސަލައާއި، ވެލިދޫ ބަނދަރާއި ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
މި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ. ޚާއްޞަކޮށް ބޮޑުހިލައަކީ އާންމުކޮށް ޔޫއޭއީ ފަދަ މެދުއިރުމަތީގެ ޤައުމުތަކުން އެތެރެކުރާ އެއްޗަކަށް ވުމުން، އެ ތަކެތި ލިބުން ދަތިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އާއްމުކޮށް ބޮޑު ހިލަ ގެންނަނީ ޔޫއޭއިން، މެދުއިރުމަތިން. ޔޫއޭއީއިން ހިލަގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ. މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް ހިލަ ގެނެސްގެން މަސައްކަތް އަވަސްކުރުމަށް. ފޮއްދޫ ބަނދަރުގައިވެސް ބޮޑު ހިލަ ލިބުމުގައި ދަތިތައް ވަނީ ދިމާވެފައި." ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތިން ތަކެތި ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އިންޑިއާ ފަދަ އެހެން ޤައުމުތަކުން ބޮޑުހިލަ ގެނެސްގެން މަޝްރޫޢުތައް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.