ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ދަށަށް 9 އިދާރާއެއް ބަދަލުކުރައްވައިފިއެވެ. މި ބަދަލާއެކު އެ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ" އިން "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ" (ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ) އަށް ވަނީ ބަދަލުކުރައްވާފައެވެ.
މި ވުޒާރާގެ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ ކުރިންވެސް އެ މަގާމުގައި ހުންނެވި ޢަލީ އިޙްސާންއެވެ. ވުޒާރާގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު، ކުރިން މަތީ ތަޢުލީމާ ގުޅުންހުރި ވުޒާރާގެ ދަށުން ހިންގަމުން އައި ބައެއް މަސައްކަތްތައް ވެސް މިހާރު ވަނީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ.
އަލަށް ގެނައި ބަދަލުތަކާއެކު ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާނެ 9 އިދާރާ ތަކަކީ މޯލްޑިވްސް އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ޑިޖިޓަލް ސަރވިސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސް އެވެ.
މި އިދާރާތަކުގެ ތެރެއިން ނޭޝަނަލް ކެރިއަރސް ސަރވިސް އަކީ މީގެ ކުރިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުން އައި އިދާރާއެކެވެ. ނަމަވެސް، ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގެނައި މި ބަދަލާއެކު އެ އިދާރާގެ މަސައްކަތްތައް މިހާރު ވަނީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުވެފައެވެ.
މި ބަދަލުތަކަކީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ޚިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ހަލުވި އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.