ފާފު އަތޮޅުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ސްޓޭޝަން ޤާއިމުކޮށްފައިވަނީ އެ އަތޮޅު ނިލަންދޫގައެވެ.
މި މަސައްކަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި ސްޓޭޝަންގެ ސަބަބުން އެ ސަރަޙައްދުގެ އުޅަނދުފަހަރަށާއި އާންމުންނަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމުލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ މަޤްޞަދަކީ އަތޮޅުތެރޭގައި ތެލުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ކަނޑައެޅިފައިވާ ރަށްތަކުގެ ތެރެއިން 5 ސްޓޭޝަނެއްގެ މަސައްކަތް މުޅިން ނިންމައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ބާކީ ހުރި ރަށްތަކުގައިވެސް ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.