ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެލްޖީއޭއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެލްޖީއޭއިން ބުނެފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް އަންނަ ކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން، އެފަދަ ހުސްކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފިއެވެ. އެލްޖީއޭއިން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ.

އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އެ ތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ޤާނޫނުގެ ދަށުން އެ އިދާރާއިން ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅޭގޮތުން އެލްޖީއޭއިން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް އެލްޖީއޭގެ ދަށުން ދިނުމަށް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ޤާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިން ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރު އެ އިދާރާއަށް ޤާނޫނުން ލިބިދީފައިވާކަން ފާހަގަކުރައްވައި އެލްޖީއޭއިން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލައި އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

އެހެންކަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް، ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭގެ ބަޔާނުގައި "ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން