ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗް.ޕީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ.
ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން އެޗް.ޕީ.އޭ އިން ބުނެފައިވަނީ، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ޓާސްކްފޯސްތައް އެކުލަވާލައި، ރަށްތައް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުުމުގެ ހަރަކާތްތައް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރަށްރަށުގައި ބަލި ފެތުރޭ މިންވަރު މޮނިޓަރކޮށް، އެ މަޢުލޫމާތު ގަވާއިދުން ހިއްސާކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އާންމު ފަރުދުންވެސް ގޯތިގެދޮރާއި ތިމާވެށީގައި ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި، މަދިރި އާލާވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ސްކޫލް މާޙައުލަކީ މަދިރިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށާއި، ދަރިވަރުން ހޭލުންތެރިކުރުވުމަށްވެސް ބާރުއަޅާފައިވެއެވެ.
ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ސައިޓުތައް އަދި ސިނާޢީ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުތާހިރުކަން ދެމެހެއްޓުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އެ އެޖެންސީން އިތުރަށް ބުނެފައިވަނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުން ކަމަށްވާތީ، ބަލި ޖެހިއްޖެ ހާލަތެއްގައި ޞިއްޙީ އެހީތެރިންގެ އިރުޝާދާ އެއްގޮތަށް އަވަހަށް ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.