ހަނގުރާމައިގެ ދަތިތަކާއެކުވެސް ރާއްޖޭގެ ބާޒާރުން މުދާ ހުސްވިޔަނުދީ ވަނީ ހިފެހެއްޓިފަ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހަނގުރާމައިގެ ދަތިތަކާއެކުވެސް ރާއްޖޭގެ ބާޒާރުން މުދާ ހުސްވިޔަނުދީ ވަނީ ހިފެހެއްޓިފަ: ވަޒީރު ސައީދު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ނުފޫޒު ފޯރާފައިވީ ނަމަވެސް، ރާއްޖޭގެ ބާޒާރުން އެއްވެސް ބާވަތެއްގެ މުދަލެއް ހުސްވިޔަނުދީ ހިފެހެއްޓިފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބިލްޑް އެކްސްޕޯ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އެ ދާއިރާއަށް ބޭނުންވާ މުދާ ރާއްޖެ ގެނައުމުގައި ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ބާޒާރުގައި މުދާ ހުސްވިޔަނުދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ.

"މެދުއިރުމަތީގެ ހަނގުރާމަމައިގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ދަތިތައް އެބަހުރި. މިސާލަކަށް މުދާ ގެނައުމުގެ ދަތިކަން. ހަނގުރާމަ ފެށުނީއްސުރެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަނީ މީގެން އެއްވެސް ބާވަތެއް ބާޒާރުގަ ހުސްވިޔަނުދީ ބެހެއްޓުމަށް. ހަނގުރާމައިގެ އެތައް ދުވަހެއް ވެގެންދިޔައިރު އެއްވެސް ބާވަތެއްގެ މުދަލަކަށް ނުޖެހި އަޅުގަނޑުމެންނަށް މިވަނީ ގެންދެވިފަ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ތަނބަކަށްވާތީ، އެ ސިނާޢަތަށް ދިމާވާ ދަތިތައް ހައްލުކޮށް، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން