ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ "އޭ" ރިޕޯޓެއް ކަމަށާއި، ސަރުކާރަށް ފަހަކަށް އައިސް ގެންނަވަމުންދާ ބަދަލުތަކަކީ ރައްޔިތުންގެ އަޑުއައްސަވައިގެން ގެންނަވާ ބަދަލުތަކެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެންމެ ފަހުން ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު ލިބިފައިވަނީ "ބީ" ރިޕޯޓެއް ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ އަމާޒަކީ އެންމެ ފުރިހަމަ ނަތީޖާ ނުވަތަ "އޭ" ރިޕޯޓެއް ހޯއްދެވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ވެރިކަމުގެ ތިބެގެން "ބީ" ރިޕޯޓެއް ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދީ ކޮން ބައެއްތޯ ދެން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން "ބީ" ރިޕޯޓެއް ހަގީގަތުގައިވެސް، އަޅުގަނޑުމެންނަކީ "އޭ" ރިޕޯޓް ހޯދަން ބޭނުންވާ ބައެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ "އޭ"ރިިޕޯޓެއް، އެހެންވީމަ އިންތިހާބު ނިމުމާއި އެކީގައި އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ވާހަކަފުޅުތަކެއް ވިދާޅުވެއްޖެއްޔޭ، ތިމަން މަނިކުފާނު އަޑު އައްސަވައިފީމޭ، އެވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ފެއްޓެވީ،". ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންތިޚާބުތަކަށްފަހު ރައްޔިތުން ފާޅުކުރި ޝުޢޫރުތައް ރައީސް އަޑުއައްސަވައިފި ކަމަށާއި، ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަވަން ފެއްޓެވީވެސް އެ ސަބަބަށްޓަކައި ކަމަށެވެ. މިއީ ޑިމޮކްރެސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރިކަން ހާމަވިއިރުވެސް، ވަޒީރަކު ވަކިކޮށްލަން ނުކެރުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކަންކަން އިޞްލާޙު ކުރުމަށް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ހއ. މުރައިދޫ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިއީ ވަކި ރަށެއް ނުވަތަ ސިޓީއެއް ތަފާތުކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ ވޯޓުލާ ނިސްބަތް އިތުރުވުމަކީ، މިހާރުގެ އިންތިޚާބީ ނިޒާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިއަދު ޔަގީންކަން އެބައޮތް، ވެރިކަމުގައި ހުންނެވި ބޭފުޅަކު އިލެކްޝަންސް ކޮމިޝަނަށް އަތްނުބާނާނެކަން،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ވޯޓުން ލިބޭ މެސެޖުތައް ދެނެގަނެ، ގައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި ރައީސް މުޢިއްޒު ދެމިހުންނަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރެއްގެ ގޮނޑި ގެއްލުނު މައްސަލައަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، މިއީ ދައުލަތުގެ ނިޒާމަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. މީގެކުރިން ސަރުކާރުތަކުން ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ނަމަވެސް، މިހާރު ފެންނަމުންދަނީ ހަރުދަނާ ފިޔަވަޅުތަކާއެކު އެ އިތުބާރު އަލުން އިއާދަވަމުންދާ މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ އިސްލާހީ ބަދަލުތައް ގެންނަން ދަންނަ ސަރުކާރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
“ކައުންސިލް އިންތިހާބުގެ ވޯޓުތަކުގައި ރައީސުލްހުމްހޫރިއްޔާގެ ނަންފުޅެއް ނެތޭ، އަމްޖަދުގެ ނަން އޮތް އޭނާ އޮތީ އިންތިހާބު ވެފައި، ފަރުހަތު ޒަމީރުގެ ނަން އޮތް، އޭނާ އޮތީ އިންތިހާބުވެފައި. ކައުންސިލް އިންތިހަބާއި ދިމާކަށް އެމަނިކުފާނު ރަށަކަށް ކުރެއްވި ދަތުރެއްވެސް ނެތް ވޯޓެއް ހޯއްދަވަން. އަޅުގަނޑުމެން އެހެން ރައީސުން ދެކުނިން ރަށްރަށަށް ދަތުރުކުރެއްވިތަން،". ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަންކަން އިސްލާހުކުރައްވާ ނަމޫނާ ވެރިއެއްކަން ސާބިތުކޮށްދެއްވަމުންނެވެ.