އިންތިޚާބުތަކުން ލިބުނީ މުހިންމު ފިލާވަޅުތަކެއް، ސަރުކާރު ދެން ކުރިއަށްދާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް: ޝުޖާއު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އިންތިޚާބުތަކުން ލިބުނީ މުހިންމު ފިލާވަޅުތަކެއް، ސަރުކާރު ދެން ކުރިއަށްދާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް: ޝުޖާއު

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ސަރުކާރަށާއި ޕީއެންސީއަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދިޔަ އިންތިޚާބުތަކެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތައް ހާމަކޮށްދޭ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އެގޮތުން މި ފަހަރުގެ ނަތީޖާއިންވެސް ރައްޔިތުން ބުނެދޭން ބޭނުންވާ ގިނަ ވާހަކަތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

pnc jabir sarangu jaleel

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ހާމަކޮށްދެއްވަމުން ޝުޖާއު ވިދާޅުވީ، އަތޮޅުތަކާއި ސިޓީތަކުގެ ވޯޓުތަކަށް ބަލާއިރު ޕީއެންސީއަށް ޖުމްލަ 277,011 ވޯޓު ލިބިފައިވާ ކަމަށެވެ. މިއާ ޚިލާފަށް އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 258,050 ވޯޓު ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރައީސް މުޢިއްޒަކީ ރައްޔިތުންގެ އިޙްސާސްތައް ދަންނަ، އެ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރައްވާ ލީޑަރެއް ކަމުގެ ހެއްކެއް ކަމުގައި ޝުޖާއު ސިފަކުރެއްވިއެވެ.

" 2028 ވަނަ އަހަރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށް ރައީސް ގަބޫލުފުޅުކުރައްވާ. އަދި އެކަންކަން ރަނގަޅުކުރުމުގެ ޔަގީންކަން އެމަނިކްފާނު ވަނީ ދެއްވާފައި،" ޝުޖާއު ވިދާޅުވިއެވެ.

pnc

ޝުޖާއު އިތުރަށް ވިދާޅުވީ، ގައުމު ކުރިއަށް ގެންދިއުމަށް ރައީސް ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނައުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ރެޔާއި ދުވާލު މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން ރައްޔިތުންނަށް އަދަބުދީ ޖަލަށްލުމުގެ ސިޔާސަތެއް ގެންގުޅުނު ނަމަވެސް، މި ސަރުކާރުން އިސްކަންދޭނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، މަދުވާ ކަންކަން ފުރިހަމަކޮށްގެން ބާރު ދުވެލީގައި ތަރައްގީ ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުން ގައުމު ދޫކޮށްލީ އިގްތިސާދީ ގޮތުން ބަނގުރޫޓުވާ ފަދަ ނުރައްކާތެރި ހާލަތެއްގައި އޮއްވައި ކަމަށާއި، އެކަން ބާރަށު ދާއިރާގެ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

 

މިއަދު އޮންލައިން