ކެންސަރުގެ ފަރުވާއަށް ކުޑަދަރިފުޅު ދައްކަންޖެހޭ ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކޭނެ އެއްވެސް ފަދައެއް ނެތިގެން ދުޢާކުރުމުގަ ޘާބިތުވީމާ ދަރިފުޅުގެ ގާތަށް ޑޮކްޓަރު ފޮނުއްވެވީ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކެންސަރުގެ ފަރުވާއަށް ކުޑަދަރިފުޅު ދައްކަންޖެހޭ ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކޭނެ އެއްވެސް ފަދައެއް ނެތިގެން ދުޢާކުރުމުގަ ޘާބިތުވީމާ ދަރިފުޅުގެ ގާތަށް ޑޮކްޓަރު ފޮނުއްވެވީ ޙާދިސާއެއްގެ ވާހަކަ-

އެއީ ވިއްސާރަރެއެވެ. ބޯކޮށްވާރޭވެހެއެވެ. އަވަށުގެ މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. އެންމެންވެސް ދޮރުތައް ތަޅުލައިގެން ތިބީ ގޭގައެވެ. އެނިކަމެތި އަންހެނާވެސް އިނީ ގޭގައެވެ.  

ދަންވަރު މީހަކު ދޮރުގަ ޓަކިޖަހާހެން ހީވެގެން ހުޅުވިއިރު ދޮރުމަތީގައި ހުރީ ވަރަށް ސްމާޓްކޮށް ހެދުންލައިގެން ހުރި ފިރިހެނެކެވެ. އެއީ އެވަށުގެ މީހަކު ނޫންކަން ވަޤުތުން އެނގުނެވެ. ކޮންމެވެސް ބޮޑުކަމެއް ޖެހިގެން އައިސްހުރި މީހަކުކަން ވިސްނުނެވެ.  

އަވަސްއަވަހަށް ގެއަށް ވައްދައި މެހްމާންދާރީ އަދާކުރިއެވެ. އޭނާ ބުނީ މިއައީ ކާރު މިތާކައިރިއަށް ހުއްޓި އިސްޓާޓް ނުކުރެވުމުން ހެނދުނުވަންދެން މެހްމާންދާރީ ލިބޭތޯ ކަމަށެވެ. އެކަމަށް އަގުވެސް ދޭނެކަމަށެވެ. އަންހެންމީހާ ބުނީ އެއްވެސް އަގެއް ބޭނުން ނޫންކަމަށާއި ބޭނުން އިރެއްވަންދެން ގޭގައި ހުރެވޭނެ ކަމަށެވެ.  

އޭނާ ފާޚާނާއަށްވަދެ ތާހިރުވެލައިގެން ނުކުތްއިރު އަންހެންމީހާ އިނީ ވަރަށް ބަލިޙާލުގައި އޮތް ކުޑަކުއްޖެއްގެ ގާތުގައި ދުޢާކުރާށެވެ. ސުވާލުކުރުމުން ދަރިފުޅުގެ ޙާލު ކިޔައިދީފައި ބުނީ ޑޮކްޓަރުން ބުނަނީ މިބާވަތުގެ ކެންސަރަށް ފަރުވާކުރެވޭނެ ޑޮކްޓަރަކީ ޑރ. ޙުސައިން ކަމަށެވެ. އަދި އެޑޮކްޓަރު ބަލިމީހުން ބަލަނީ ދުރުސިޓީއެއްގައި ކަމަށްވާތީ ސިޓީއަށް ދަރިފުޅު ގޮވައިގެން ދެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންވެ ހިތްހަމަޖެހުން ހޯދަނީ ދުޢާކުރުމުން ކަމަށެވެ.

އޭނާ ބުނީ ތިއަބުނާ ޑޮކްޓަރަކީ އޭނާ ކަމަށެވެ. ތިއަ މަންމަ ދަރިފުޅަށްޓަކައި ކުރަމުން އައި ދުޢާ ޢިޖާބަކުރައްވަވައި އޭނާ މިވަނީ ކުއްޖާގެ ގާތަށް ފޮނުއްވަވައި ދެއްވަވާފައި ކަމަށެވެ. ހެނދުނު ކާރުހަދައިގެން އެނބުރިދާނީ ދެމައިން ގޮވައިގެން ކަމަށެވެ. ތިބުމަށާ ބޭސްފަރުވާއަށް އެއްވެސް ޚަރަދެއްވެސް ކުރަން ނުޖެހޭނެ ކަމަށެވެ.

ޑޮކްޓަރުގެ ފަރުވާއިން ކުއްޖާއަށް އިން ޝާ ﷲ ޝިފާލިބުނެވެ. އެއިރު ޑޮކްޓަރުގެ ގޭގައި ދެމައިން ތިބޭތާ 6 މަސްދުވަސްވެއްޖެއެވެ. ޑޮކްޓަރުގެ ހިތުގައި ދެމައިންނަށްވަނީ ލޯބިޖެހިފައެވެ. އެހެންވެ ޝިފާލިބުމުންވެސް އަވަށަށް ފޮނުވުމުގެ ބަދަލުގައި ގޭގައި ބެއިތިއްބީއެވެ. ހެޔޮކޮށްހިތައި ކުއްޖާއަށް ކިޔަވައިދީގެން ދެމައިން ގެންގުޅުނީއެވެ.  

މިއީ ސޯޝަލްމީޑިޢާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ގިނަބައަކު ކިޔާފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހަށް މިވާހަކަ ޙިއްޞާކޮށްލަން ބޭނުންވީ މިބާވަތުގެ ވާހަކަތައް މިއަދުނޫހުން ފެންނަލެއް ގިނަކަމުންނެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ- 

މިއަދު އޮންލައިން