ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ މައްސަލަތަކުގައިވެސް ޢާންމުގޮތެއްގައި ކުށްކުރަނީ އެކެވެ. ވީމާ ކޮންމެ ޙާދިސާއެއްވެސް ހިނގާފައިވާނީ އެކެއްގެ ނުބައިކަމުންނެވެ. ވީމާ އެހާދިސާއެއްގައި ދައްކާނީ ކުށްކުރި މީހާގެ ވާހަކައެވެ. ނަމަވެސް މައްސަލަތައް ޙައްލުކޮށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ދެމީހުންވެސް އެކަމަށް ސަމާލުކަންދިނުމުންނެވެ.
ތަނަވަސްކަން ހުރި މީހުން ލޯބިހޯދަން ހޭދަކުރަނީއެވެ. އަނެއްބައަކު ލޯބިވާކަން ދައްކައިގެން ލިބުނުހާ އެއްޗެއް ލިބިގަންނަނީއެވެ. ދެމީހުންވެސް ބުނާނީ ލޯބިވާ ކަމަށެވެ. ޙަޤީޤީ ލޯތްބަކީ ކޮބައިކަން ގިނަ ބައަކަށް އޮޅިގެން އުޅެންޖެހިފައި މިވަނީ މިހެންވާތީއެވެ.
ތިރީގައި އެވަނީ ލޯބިވެރިޔާގެ ޖާދޫގަ ޖެހި ފިރިމީހާއަށް ބިރުދައްކައި ރަށަށް ފޮނުވާލުމަށްފަހު ބައްޕަ މަރުވެއްޖެކަމަށް ދަރިފުޅުގާތުގައި ބުނެ އޮޅުވާލުމުގެ އިތުރުން ދަރިފުޅުވެސް ނިކަމެތިކޮށްލި ތަނަވަސް އަންހެނަކަށް ކުރަންޖެހުނު ތަޖުރިބާގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވާށެވެ! ރަނގަޅު ފިލާވަޅެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
އެއިރު އަޅުގަނޑުގެ އުމުރުން އެންމެ 6 އަހަރެވެ. ބައްޕަ އޮތީ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފައެވެ. އެއް ދުވަހަކު ކުއްލިއަކަށް މަންމަ ގެއަށް ވަދެ ވަރަށް ދެރަވެފައި ހުރެގެން ބުނީ ބައްޕަ ނިޔާވެއްޖެ ކަމަށެވެ. އަދި ގެއަށް މިއައީ ބައްޕަ ވަޅުލައި ނިމިގެން ކަމަށާއި އަޅުގަނޑު ސަހަރާއަށް ނުގެންދިއައީ އަޅުގަނޑު ކުޑަކަމުން ކަމަށެވެ.
އެއިރު އުމުރުން ކިތަންމެ ހަގު ނަމަވެސް އެކަން އެނގުމުން ވަރަށް ދެރަވިއެވެ. އެއީ މަންމަގެ ލޯބި އެއްވެސް އިރެއްގައި ނުލިބޭތީއެވެ. ލިބެނީ ބައްޕަގެ ލޯބި އެކަނިކަމަށްވާތީއެވެ.
ކުޑަ ދުވަސްކޮޅެއްފަހުން މަންމަ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. ދޮންބައްޕަވީ އަޅުގަނޑަށް ވަރަށް އަނިޔާވެރި މީހަކަށެވެ. އެހައި ކުޑައިރުވެސް އަބަދު އެއްޗެތިގޮވުމާއި އަމުރުކުރުން ނޫން ކަމެއް ނުކުރެއެވެ. ލޯބިން އޭނާ ބަހެއް ބުނި ހަނދާނެއް މިހާރަކުވެސް ނެތެވެ.
އެޙާލުގައި ދިރިއުޅެމުންގޮސް އުމުރުން 18 އަހަރު ފުރުނުތަނުން ކިޔެވުން މުޅިން ހުއްޓާލައިފީމެވެ. ވަޒީފާއެއް ހޯދައިފީމެވެ. މަންމައަކީ ތަނަވަސް އަންހެނެއް ނަމަވެސް މަންމައާއިއެކު ދިރިއުޅުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވާތީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ގެއިން ނުކުމެއްޖައީމެވެ.
ޢުމުރުން 20 އަހަރުގައި ކައިވެނިކޮށްފީމެވެ. ދެމީހުންވެގެން 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފަށައިފީމެވެ. ކައިވެންޏަށް 2 އަހަރުގައި ދަރިއަކު ލިބިއްޖެއެވެ.
ދަރިއަކު ލިބުމުން އޮފީހުން ޗުއްޓީ ނަގައިގެން ގޭގައި ހުއްޓާ އެއްދުވަހަކު މެންދުރު ވަގުތު މީހަކު އައިސް ބެލް ޖެހުމުން ދޮރުހުޅުވީމެވެ. ދިއައީ ސިއްސައިގެންނެވެ. އެއީ ބައްޕަ އާއި ވަރަށް އެއް ވައްތަރު މީހެކެވެ. ލިބުނު ޙައިރާންކަން ބޮޑުކަމުން އަނގައިންވެސް ބުނަން ނޭނގިފައި ހުއްޓާ އޭނާ ދަރިފުޅާއޭ ބުނުމުން ގޮސް ގައިގައި އޮޅުލައިގަނެވުނެވެ.
ބައްޕަ ކިޔައިދިނެވެ. "ދަރިފުޅުގެ މަންމަ މާބޮޑަށް ލޯބިވާ މީހަކު ހުންނަކަން އެނގުނީ ކައިވެނިކުރިފަހުންނެވެ. ދަރިފުޅުވެސް ލިބުނުފަހުންނެވެ. ދަރިފުޅު ދެކެ ލޯބިވާވަރުން އެކަމަށްވެސް ބަހެއް ނުބުނަމެވެ. އެޙާލެއްގައި އުޅެމުން ދަނިކޮށް ބައްޕަ ބަލިވީއެވެ. ބައްޕަގެ ބައްޔަކަށްވީ ކޮންމެވެސް ވިހައެއް ކެވުމެވެ. ހޮސްޕުޓަލުގައި އޮވެ އެކަމުން ސަލާމަތްވިތަނާ މަންމަ ބުނީ ވަރިކުރުމަށެވެ. އަދި ގެއަށް ނުގޮސް ފުރައިގެން ރަށަށް ދިއުމަށެވެ. ނޫންނަމަ ބައްޕައަށް ސަލާމަތް ނުވެވޭވަރުގެ ލަގާއެއް ދޭނެ ކަމަށެވެ.
އެހެންވެ ހޮސްޕިޓަލުން ނުކުތް ގޮތަށް ދަރިފުޅާއި ހަމައަށްވެސް ނައިސް ރަށަށް ދާން މަޖުބޫރުވީއެވެ. އެދިއަ ގޮތަށް މާލެވެސް ނައިސް ހުރެފައި ބަލިވެގެން ރަށުން ފަރުވާ ލިބެން ނެތުމުން ޑޮކްޓަރަށް ދައްކާލަން މާލެ މިއައީ އިއްޔެއެވެ. ދަރިފުޅު މަންމަ އާއި ވަކިވެ މިގޭގައި އުޅޭކަން އެނގުނީ އަވަށްޓެރިއެއްގެ ކިބައިންނެވެ. އެހެންވެ ދަރިފުޅު ދެކެލަން އައީއެވެ.
ދަރިފުޅާއެވެ. ކޮންމެވެސް ކޮންމެވެސް މަންމަ ގާތު ބައްޕަ އައިވާހަކަ ނުބުނާށެވެ. ބައްޕގެ ދުވަސް ދުއްވައިލަފާނެއެވެ. މަންމަ ހުންނަނީ މަންމަގެ ބާރަކު ނޫނެވެ. މަންމަ ހުރިހާ ކަމެއްވެސް ކުރަނީ ދަރިފުޅުގެ ދޮންބައްޕަ ބުނާ ގޮތަށެވެ. ދޮންބައްޕަ ބުނެފިއްޔާ އެބުނި ކޮންމެ ކަމެއް މަންމަކުރާނެއެވެ."
ބައްޕަގެ ވާހަކަތައް އަޑުއަހާފައި ލޭ ހޫނުވިއެވެ. ބައްޕަ ބިރުން ހުއްޓައިވެސް ބައްޕަ ގޮވައިގެން މަންމަގެ ގާތަށް ދިއައީމެވެ. ނަޞީބަކުން ގޭގެ ދޮރު ހުރީ ތަޅުނުލެވިއެވެ. ދޮރުހުޅުވާލާފައި ަބއްޕަ ގޮވައިގެން ގެއަށްވަނީމެވެ. ވަންއިރު މަންމަ އިނީ ބިރުން ތުރުތުރު އަޅައަޅައެވެ. ދެލޮލުން ކަރުނަ ފައިބައެވެ. ފުރަތަމަވެސް ބުނީ އަވަހަށް ފުލުހުންނަށް ގުޅާށެވެ. މަންމަ މިކަމުން ސަލާމަތްކޮށްދޭށެވެ.
ކަންކަން އޮޅުންފިލުވިއިރު މަންމަގެ ގެދޮރާއި ފިހާރަ ދޮންބައްޕައަށް ރަޖިސްޓްރީކޮށް ނުދީގެން މަންމަ މަރާލާނެ ކަމުގެ އިންޒާރު ދެމުން ގެންދަނީއެވެ. އަޅުގަނޑުމެން ގެއަށް ވަންނައިރަށް ދޮން ބައްޕަ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
އަޅުގަނޑު ވަގުތުން އަޅުގަނޑުގެ ފިރިމީހާއަށް ގުޅާފައި އައިސް ދިނުމަށް އެދުނީމެވެ. އޭނާ އައުމުން ކަންކަން ހިނގައިގެން އުޅޭ ގޮތުގެ ވާހަކަ ކިޔައިދިނީމާ ބަދިގެ ތެރޭގައި އޮތް ދަގަނޑުބުރިއައް ހިފައިގެން ގޮސް ކޮޓަރީގެ ދޮރުގައި ތަޅައި ދޮރުހުޅުވައިފިއެވެ. ހުޅުވިއިރު ދޮން ބައްޕަ ވަނީ ކޮޓަރީގެ ކުޑަ ދޮރަކުން ފުންމާލައިގެން ފިލައިފައެވެ.
ފުލުހުން ގެނެސް ކަންކަން ހިނގައިދިއަ ގޮތް ކިޔައިދިނުމުން އޭނާ ހޯދައި ހައްޔަރުކޮށްގެން ތަޙްޤީޤްކުރިއެވެ. ތަޙްޤީޤްގައި އޭނާ ދޮގުހަދައި ސަލާމަތްވިއެވެ. ނަމަވެސް އެހިސާބުން މަންމަ ކޯޓަށް ގޮސްގެން ވަރިވީއެވެ. މަންމަގެ އެދުމަށް އެދުވަހުން ފެށިގެން މަންމަ ބަލަހައްޓަން އަޅުގަނޑުމެން ދެމަފިރިން އުޅުނީ ގޭގައި މަންމަ ގާތުގައެވެ. ބައްޕަ ބެހެއްޓީ އަޅުގަނޑުމެން އުޅުނު ތަނުގައެވެ. ބައްޕަ ގެއަށް ބަދަލުވީ ޢިއްދަ ހަމަކޮށް މަންމަ ބައްޕަ އާއި ކައިވެނިކުރުމުންނެވެ.
އަޅުގަނޑަށް މަންމަ އާއި ބައްޕަގެ ލޯބި ނުލިބުނު ނަމަވެސް އަޅުގަނޑުގެ ދަރިފުޅަށް ކާފަ އާއި މާމަގެ ލޯބިވެސް ލިބުނެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ މަންމައަށް ކަންކަން ދިމާވިގޮތް އެއީ ވިސްނާލުން މުހިންމު ކަންކަން ކަމަށެވެ. ކިތަންމެ ވަރަކަށް މީހަކުދެކެ ލޯބިވީނަމަވެސް އެމީހަކު ބުނާހައި ކަމެއްކުރަން ހެޔޮނުވާނެއެވެ. އަދި ކައިވެނިކުރުމަށްފަހު ފިރިމީހާ ނުވަތަ އަނބިމީހާދެކެ ލޯބި ނުވެވޭނަމަ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވާނީ މަންމައަށް ދިމާވި ފަދަ ގޮތްތަކެވެ.
- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް