ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބަލިވީމާ ކައިވެނިނުކުރި މީހާއަށް މާބޮޑުބައްޔެއް ޖެހުމުން ހަމައެއަންހެންމީހާގެ އެހީތެރިކަމަށް އެދުމުން އެހީތެރިވެދިން ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބަލިވީމާ ކައިވެނިނުކުރި މީހާއަށް މާބޮޑުބައްޔެއް ޖެހުމުން ހަމައެއަންހެންމީހާގެ އެހީތެރިކަމަށް އެދުމުން އެހީތެރިވެދިން ޙާދިސާއެއްގެ ވާހަކަ-

އެންމެ ބޮޑު ަމއްސަލައަކީ ލޯބިވެގެން އުޅޭއިރުވެސް އަދި ކައިވެނީގެ ފަހުންވެސް ބަލިވެއްޖެނަމަ ދުވެފިލާ މީހުންނަށް އަބަދު ގަދަވެ ސަލާމަތުން ނުތިބެވޭކަމެވެ. އެމީހުންވެސް ބަލިވާކަމެވެ. އަދި ބައެއްފަހަރު މާބޮޑެތި ބަލިތައްވެސް ޖެހޭކަމެވެ.  

އެމީހުން ދުވަހަކުވެސް ބަލިނުވާނެކަމަށް ބަލައި ލޯބިވެގެން އުޅެނިކޮށްވެސް އަދި ކައިވެންޏަށްފަހުގައިވެސް ބަލިވެއްޖެނަމަ ދޫކޮށްލާ ނުވަތަ ދެމީހުން ވަކިވާ މީހުން މަދެއް ނޫނެވެ. ޙަޤީޤަތުގައި އެފަދަ ގޮތްގޮތަށް ކަންކަން ކުރާ މީހުންނަކީ އެންމެ ބޮޑެތި އަނިޔާވެރިންނެވެ. އެމީހުންނަށް ނުވިސްނޭ ކަންތައް ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ.  ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަކީވެސް ވަރަށް ހަގު އުމުރުގައި ލޯބިވެރިޔާ އާއި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެނިކުރީ އުމުރުން 20 އަހަރުގައެވެ. ކައިވެންޏަށް 2 އަހަރުގައި ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބި ޚަރަދުތައް ބޮޑުވުމުން ފިރިމީހާއަށް ކުރަންފެނުނު ކަމަކީ އަޅުގަނޑު ވަރިކޮށްލައި ދެމައިން ދޫކޮށްލާފައި ދިއުމެވެ. ވީމާ 22 އަހަރުން ފެށިގެން ހުންނަންޖެހުނީ އެކަނިވެރި މައެއްގެ ގޮތުގައެވެ.  

އެކަނިވެރިމައަކަށްވީތާ 5 އަހަރު ވީތަނާ ފިރިހެނަކު އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނެ ކައިވެންޏަށް އެދުނެވެ. ކައިވެނިކުރަން ތައްޔާރުވަމުން އަންނަނިކޮށް ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދައި ސްކޭންކޮށްފައި ބުނީ ރަޙިމާއި ގުޅުންހުރި އޮޕަރޭޝަނެއްކުރަންޖެހޭކަމަށެވެ. އަދި އެއިރު ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ކަންކަން ހުރިގޮތުން ރާއްޖެއިން އޮޕަރޭޝަންކުރާނަމަ ކުރަންޖެހޭނީ ވަރަށް ބޮޑަށް ބަނޑުފަޅާލައިގެން ކަމަށެވެ. ނަމަވެސް ބޭރަށް ދެވިއްޖެނަމަ ލޯވަޅެއް އަޅާލައިގެން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ.  

އަޅުގަނޑުގެ އަތުގައި ބޭރަށް ގޮސްގެން އޮޕަރޭޝަން ކުރާނެ ތަނަވަސްކަމެއް ނެތެވެ. އަދި އެދުވަސްވަރަކީ އާސަންދަ ފަދަ ޚިދުމަތްތައް ސަރުކާރުން ދިން ޒަމާނެއްވެސް ނޫނެވެ. އެހެންވެ އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ ސަލާންޖަހައިގެން ނަމަވެސް ބޭރަށް ދެވޭތޯއެވެ.  

އެޒަމާނުގެ ސަރުކާރުގެ ވެލްފެއާ އޮފީހަކީ ތީމުގެ ކަމަށްވުމުން ސިޓީލައިގެން އުޅޭތާ މަހެއްހައި ދުވަސްފަހުން، އެތައްބައިވަރު ބޮޑެތި މީހުން ގާތަށް ގޮސް އާދޭސްކޮށް ސަލާންޖެހިފަހުން 200 ޑޮލަރާއި ދެކޮޅު ޓިކެޓް ލިބުނެވެ. ނަމަވެސް އެއީ އެފަދަ އޮޕަރޭޝަނެއް ކުރަން އެކަށީގެންވާވަރުގެ އަދަދެއް ނޫނެވެ.  

އެހެންވެ ތަނަވަސް މީހުންނަށް ސަލާންޖަހަމުން ދަނިކޮށް ލޯބިވެރިޔާ ބުނީ އޭނާއަށް ކޮންމެވެސް ކަމެއް މެދުވެރިވެގެން ކައިވެނިކުރެވެން ނެތް ކަމަށެވެ. ޙަޤީޤަތަކީ އަޅުގަނޑުފަދަ ބަލި އަންހެނަކާއި ގުޅެން ބޭނުންނުވުމެވެ. އެކަމަށްވެސް ވަކީލުކުރީމެވެ. ދެރައެއްވެސް ނުވަމެވެ. ކައިވެނި ނުކުރެވެނީސް އޭނާގެ ޙަޤީޤަތް އެނގުނީތީ އުފާވެސްކުރީމެވެ.  

ސަލާންޖަހަން އުޅުމުގެ ތެރޭގައި ދީލަތި ވިޔަފާރިވެރިއަކާއި ބައްދަލުވިއެވެ.  އޭނާ އަޅުގަނޑާއިމެދު ކަންތައްތައް ކޮށްދެއްވީ ވަރަށް ދީލަތިގޮތަކަށެވެ. ޖެހިގެން އައިދުވަހު އޮފީހުން ގުޅައި ފުރަން ތައްޔާރުވާން ބުންޏެވެ. ފޮނުއްވީ ޓްރިވެންޑްރަމަށެވެ. އެއްވެސް ޚަރަދެއް ކުރާކަށް އަޅުގަނޑަކަށް ނުޖެހެއެވެ. ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކޮށްދިނީ އެތަނުގައި ތިބޭ އޭނާގެ މުވައްޒިފުންނެވެ.

އެއިގެ ކުޑަދުވަސްކޮޅެއްފަހުން ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. އޭނާވީ އަޅުގަނޑުދެކެ ވަރަށް ލޯބިވާ ހެޔޮލަފާ މީހަކަށެވެ. އެއްދުވަހަކު ފިރިމީހާ ހުން އައުމުން ޑޮކްޓަރަށް ދައްކާލަން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު ފެނުނެވެ. ރަނގަޅަށް ބަލައިލިއިރު އަޅުގަނޑާއި ކައިވެނިކުރަން އުޅެނިކޮށް އަޅުގަނޑު ބަލިވުމުން ވަކިވެގެން ދިއަ މީހާއެވެ.  

ކައިރީގައި އަންހެނަކުވެސް ހުއްޓެވެ. އެއީ އަޅުގަނޑު ދަންނަ އަންހެނެކެވެ. ގާތަށް ގޮސް ވާހަކަދައްކައިލުމުން އެނގުނީ އޭނާގެ ފިރިމީހާއަށް ސްޓްރޯކެއް ޖެހި ނުހިނގޭކަމެވެ. ވަރަށް ހެޔޮދުޢާކޮށްފައި އައީއެވެ.  

އަޅުގަނޑުމެންގެ ރަށުގައި ދިވެހި ބޭސްކުރާ މީހަކު ހުރެއެވެ. އެއަންހެންމީހާ އެދުނީމާ ރަށަށް ގޮސް ބޭސްފަރުވާކުރަން ތިބެވޭނެ ގޮތްވެސް ހަމަޖައްސައިދިނީމެވެ. ހިލޭ ސާބަހަށް ބޭބެއެއްގެ ގޭގައި ބައިތިއްބައިގެން އެތައް ދުވަހެއްވަންދެން ބަލަހައްޓައިދިނީމެވެ. މިވާވަހަ މިބުނީ ކޮންމެހެން  ކަލަގޮވުމުގެ ނިޔަތެއްގައެއް ނޫނެވެ. އެދުވަހު އެއްލައިލި މީހާގެ ކިބައިންވެސް ކަންކަމު އެދެން ޖެހުނު ވާހަކަ ބުނެލާށެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯބިވެގެންކަމަށް ބުނަމުން އެކުގައި އުޅެމުން ނަމަވެސް އަދި ކައިވެނީގެ ފަހުން ނަމަވެސް  އަނެކާއަށް ބައްޔެއް ޖެހުމުން ފިލާއިރު މާދަމާ ހަމަ ތިމާއަށް ކުރިމަތިވެދާނެ ޙާލަތަށް ވިސްނައިލާށެވެ. ބަލިޖެހުމާއި ބަލިވުމާއި ގަދަވުމާއި މިއިން އެއްވެސް ކަމަކީ އެއްވެސް މީހެއްގެ އެއްވެސް ބާރެއް ހިނގާ ކަންކަމެއް ނޫނެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ.  

ހިތާމައަކީ މިކަންކަން ނުވިސްނޭ މީހުން ގިނަކަމެވެ. އަޅުގަނޑުގެ އެކުވެރިއަކަށްވެސް ދާދިފަހުން ހަމަ މިފަދަ ކަމެއް ކުރިމަތިވިއެވެ. ބަލިވެ އުޅެން ޖެހުމުން 3 ދަރިންގެ ބައްޕަ އޭނާ ވަރިކޮށްލާފައި ދިއަގޮތަށް ދަރިއަކަށްވެސް އެހީއެއް ނުވެއެވެ. ދިރިއުޅެމުން އެދަނީ އެކުވެރިންގެ އެހީތެރިކަމުގައެވެ. މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ހަމަ މިވާހަކަކޮޅު ހިއްޞާކޮށްލީއެވެ.

 

- އައިމިނަތު މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން