ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ. މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ކަމާބެހޭ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރު ބުރު ބާއްވަނީ ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރު ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށް ކޮމިޓީގެ މެންބަރުން ހޮވުމަށެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ އަތޮޅުތެރޭގެ ރަށްތަކުގައި ބަހައްޓާ ފޮށިތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބަހައްޓާ 6 ވޯޓު ފޮއްޓެވެ.

މާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން ސްކޫލެއްގައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުއްދީން ސްކޫލްގައި، ނޭކުރެންދޫ އަދި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލްގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓު ފޮށި ދަރުމަވަންތަ ސްކޫލްގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހަނދާންކޮށްދޭ ގޮތުގައި، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ކުރުމުގެ އެއްވެސް ޙަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

މިއަދު އޮންލައިން