ޢިބްރަތްތެރި ވާހަކަ: ތަޤްވާވެރި ކުއްޖެއްގެ ފުރާނަ އާދައާ ޚިލާފު ގޮތަކުން ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ޢިބްރަތްތެރި ވާހަކަ: ތަޤްވާވެރި ކުއްޖެއްގެ ފުރާނަ އާދައާ ޚިލާފު ގޮތަކުން ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

ތަޤްވާވެރިވެ ހެޔޮ ޢަމަލުތައް ކުރަން ބުނެފިނަމަ ސަމާލުކަން ނުދެވޭ މީހުން ވަރަށް ގިނައެވެ. އެއީ ޢުމުރުގެ ފަހުކޮޅުގައި ކުރަން އޮތް ކަމެއްކަމަށް ޤަބޫލުކުރެވޭ މީހުންވެސް ވަރަށް ގިނައެވެ. އެމީހުންނަށް ނުވިސްނެނީ ތިމާއަށް ކޮންމެ ވަޤުތަކުވެސް ނުރައްކައުތެރި ޙާލަތެއް ކުރިމަތިވެދާނެއެވެ. ފުރާނައަށް ނުރައްކާވެދާނެ ކަމެވެ. މަރުވާންޖެހިދާނެ ކަމެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވާނަމަ މިދުނިޔޭގައިވެސް ވަރަށް ބޮޑެތި ރަޙްމަތް މިންވަރުކުރައްވަވައެވެ. އެކަންކަމުގެ ތެރޭގައި ލިބެން އުޅޭ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމުގެ އިތުރުން ފުރާނަ ސަލާމަތް ކުރެވުން ފަދަ ކަންކަންވެސް މެދުވެރިވެއެވެ.  

ތިރީގައިވާ ވާހަކައަކީ ޚިޔާލަށްވެސް ނުގެނެވޭފަދަ ގޮތަކަށް އޭނާގެ ފުރާނަ ނުރައްކަލުން ސަލާމަތްކުރެވުނު އަންހެނެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އިންސާނުންގެ ވިސްނުން ބަދަލުވެ ރޫޙާނީ ކަންކަމާއި މިހައި ބޮޑަށް ދުރުހެލިވެފައިވާ މިފަދަ ޒަމާނެއްގައި އަޅުގަނޑުގެ މިވާހަކަކޮޅު ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ. ޤަބޫލުކުރާ ބައަކު ޤަބޫލުކުރާށެވެ. ނުކުރާބައަކު ނުކުރުމަކީވެސް މައްސަލައެއް ނޫނެވެ.  

އަޅުގަނޑު އުޅެބޮޑުވީ މަންމަ އާއި ބައްޕައާއި އެކުގައެވެ. އަދި މާމަ އާއި ކާފަ އާއިވެސް އެކުގައެވެ. މާމަ އާއި ކާފަ ނިޔާވީ އަޅުގަނޑަށް 18 އަހަރު ފުރުނުފަހުންނެވެ. މަންމަ އާއި ބައްޕަވެސް އަޅުގަނޑަކީ ދީނަށް ވަރަށް ލޯބިކުރާ ކުއްޖަކަށް ހަދަން ވަރަށް މަސައްކަތްކުރިއެވެ.  

އެދެމީހުންނަށްވުރެވެސް ބޮޑަށް މާމަ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. މާމައަށް މިޒަމާނުގެ ތައުލީމް ލިބިފައި ނެތްނަމަވެސް މާމަމެންގެ ޒަމާނުގައި ކުދިންނަށް ކިޔަވައިގެން އިން އަންހެނެކެވެ. އެހެންވެ ދީނުގެ ކަންކަން ވަރަށް ރަނގަޅަށް މާމައަށް އެނގެއެވެ. މާމަ އާއިއެކު ވަގަތުކޮޅެއް ހޭދަކުރާ ކޮންމެފަހަރަކުވެސް ވާހަކަ ނިންމައިލާނީ ދީނީ ގޮތުން ކޮންމެވެސް ނަޞޭޙަތެއް ދީފައެވެ.  

އެކަމުގެ ނަތީޖާއަކަށްވީ އެންމެ ކުޑައިރުންސުރެ ނަމާދުކުރަން އާދަވެފައިހުރުމެވެ. އެކުރެވެނީ ރޭއަޅުކަންކަން ނުއެނގުނު އިރުގައިވެސް މާމަ ބުނެގެން ރޭގަނޑު ނިދީން ހޭލެވިއްޖެނަމަ ކޮންމެވެސް ހެޔޮ އެއްޗެއް ކިޔަމެވެ. މާމަ ބުނެއެވެ. "ދަރިފުޅާއެވެ. ނިދީން ހޭލެވިއްޖެނަމަ އެނދުގައި ފުރޮޅި ފުރޮޅި އޮންނައިރު ކޮންމެވެސް ހެޔޮ އެއްޗެއް ކިޔާށެވެ. 300 ވަރަކަށް ފަހަރު ޝަހާދަތުގެ ދެކަލިމަ ކިޔަންވާއިރަށް ނިދޭނެއެވެ." މިބާވަތުގެ އެތައް ނަޞޭޙަތެއް ދެއެވެ.  

ކޮންމެއަކަސް އަޅުގަނޑަށް ބުނަން ކެރިދާނެއެވެ. ފާފައެއްކަން އެނގޭ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރަމެވެ. އެންމެ ކުޑަމިނުން އެނގިހުރެގެން ދޮގެއްވެސް ނުބުނަމެވެ.  

އަޅުގަނޑު ކައިވެނިކުރީ އުމުރުން 22 އަހަރުގައެވެ. ކައިވެންޏަށް 3 ވަނަ އަހަރު ގަދަހުމެއް ޖެހިގެން ހޮސްޕިޓަލުގައި ބޭއްވިއެވެ. ރަނގަޅުވަމުންއައި އިރު އެއްރޭ 10 ޖަހާއެހާކަންހާއިރު ނިދިޖެހިގެން ނިދުނެވެ. ހުވަފެނުގައި ނަރުސްކުއްޖަކު ފެނުނެވެ. އޭނާ ހުރީވެސް މޫނު ބުރުގާ އަޅައިގެންނެވެ. އޭނާ ބުންޏެވެ. "ދެން ކަލެއަށް ދޭން ގެންނަ ބޭސް ނުކައި އެބޭހަކީ ހަމަ އަހަރެން ކާންޖެހޭ ބޭސްތޯ ސުވާލުކޮށްލާށެވެ. އެކަން ޔަޤީންކޮށްފައި ނޫނީ ނުކާށެވެ."  

ހޭލެވުނުއިރު 12 ޖަހަނީއެވެ. 12 ޖެހިތަނާ އާދައިގެމަތިން ބޭސްކާންދޭން ނަރުސްކުދިން އައެވެ. ފެންތަށްޓާއި ބޭސްގުޅަތައް އަޅާފައިހުރި ތަށި އަތަށް ދިނުމުން ހުވަފެނުގައި ފެނުނު ނަރުސްކުއްޖާ ކުރަން ބުނި ސުވާލުކޮށްލުމުން ބޭސްތަށިއަތުލިއެވެ. ތަށީގެ ބޭރުގައި އިން ބެޑް ނަމްބަރު ބަލައިލުމާއިއެކު ނަރުސްކުދިން ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑުގެ އަތަށް ދިން ބޭސްތަށީގެ ބޭރުގައި އިނީ ބެޑް 17 އެވެ. އަޅުގަނޑު އޮތީ 27 ނަމްބަރު އެނދުގައެވެ.  

އެކުދިން ވަރަށް ލަދުގަތެވެ. ދެރަވެސްވިއެވެ. ވަރަށް ބޮޑަށް މާފަށްވެސް އެދުނެވެ. ފިރިމީހާވެސް އަޅުގަނޑުވެސް އެކަން މާބޮޑު މައްސަލައަކަށް ނުހަދައި މާފުކޮށްފައި ނިންމައިލީއެވެ. އިންސާނުންނަށް ކަމެއް އޮޅިދާނެތީއެވެ.   

ފަހުން އެ ސުވާލު އަޅުގަނޑަށް ކުރަން އެނގުނު ގޮތާއިމެދު ނަރުސްކުދިން ސުވާލުކުރުމުން ހަމަ އަހައިލެވުނީކަމަށްބުނެ ނިންމައިލީއެވެ. އެކުދިން ބުނީ އެ ބޭސް ކެވުނު ނަމަ ވަރަށް ގޯސްވީސް ކަމަށެވެ. އެއީ ވަރަށް ބާރުގަދަ ބޭހެއް ކަމަށާއި އަޅުގަނޑަށް ކެވުނު ނަމަ ހިތް ހުއްޓުންވެސް ގާތް ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދީނަށް ލޯބިކުރާށެވެ! އަޚްލާޤް ރަނގަޅުކޮށް ﷲ އަންގަވާފައިވާ ގޮތަށް އުޅެން މަސައްކަތްކުރާށެވެ. ކޮންމެ ކަމަކުންވެސް ކޮންމެވެސް ގޮތަކުން ސަލާމަތް ކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- މުނީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން