ފަލަކަމުން ޢާއިލާގެ އެންމެން ލަދުގަންނާތީ ގެއިން ބޭރުކޮށްލީމާ އެއެންމެންގެ މައްޗަށް ކުރިހޯދައި އެންމެން ސިއްސުވާލި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފަލަކަމުން ޢާއިލާގެ އެންމެން ލަދުގަންނާތީ ގެއިން ބޭރުކޮށްލީމާ އެއެންމެންގެ މައްޗަށް ކުރިހޯދައި އެންމެން ސިއްސުވާލި އަންހެނެއްގެ ވާހަކަ-

ތަނަވަސްކަމަށްބަލާއިރު އެއީ މެދުމިނުގެ ޢާއިލާއެކެވެ. ތިބެނީ 6 ދަރިންނެވެ. އެތަނުން އެންމެ ހަގު އަންހެން ދަރިފުޅަކީ އާދައާ ޚިލާފަށް ފަލަ އަންހެނެކެވެ. އެހެންވެ ޢާއިލާގެ އެންމެންވެސް އޭނާއަށް މަފްރަތުކުރެއެވެ. ޢާއިލީ ބައްދަލުވުންތަކުގައި ބައިވެރިކުރަން ލަދުގަންނަކަމަށްބުނެ ބައިވެރިވެސް ނުކުރެއެވެ.  

އޭނާ ގެއިން ނެރެލާނެ ގޮތަކަށް ވިސްނަމުންގޮސް ދަނޑުވެރިއަކާއި ކައިވެނިކުރުވައި އޭނާއާއިއެކު ދިއުމަށްބުނުމުން ދެކޮޅުހެދުމެއްނެތި ފިރިމިހާއާއިއެކު ދިއައީއެވެ. އެދުވަހުން ފެށިގެން އޮތީ ޢާއިލާއާއި ގުޅުން ކެނޑިފައެވެ. އޭނާގެ ޙާލު ބަލައިވެސް ނުލައެވެ. އޭނާވެސް ޢާއިލާގެ މީހަކާ ގުޅަންވެސް މަސައްކަތެއް ނުކުރެއެވެ.  

3 އަހަރުފަހެވެ. ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި ދަނޑުވެރިންގެ އެކްސްޕޯއެއް ބަލައިލަން އޭނާގެ ޢާއިލާގެ ބައެއް މީހުންވެސް ދިއައެވެ. ސްޓޯލްތައް ބަލަމުންގޮސް ވަދެވުނު ސްޓޯލަކުން މައުލޫމާތުދޭން ހުރި އަންހެނެއްގެ އަޑުއިވުމުން ސިހުމެއް ލިބުނެވެ. މާބަނޑު އަންހެނެކެވެ. ހަށިގަނޑުވެސް ވަރަށް ރީއްޗެވެ. ނަމަވެސް އެއަޑަކީ އެމީހުންނަށް އައުއަޑެއް ނޫނެވެ.  

އޭނާގެ ވާހަކަ ނިމުމުން "ތިއައީ ކޮއްކޮތޯ؟" ސުވާލުކުރުމުން ބުނީ ރަޙިމުގެ ގުޅުމުގެ ގޮތުން ކޮއްކޮ ކަމަށެވެ. ނަމަވެސް ކޮއްކޮކަން ޢާއިލާއިން ކަނޑައިލިތާ 3 އަހަރުވެއްޖެ ކަމަށެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށެވެ. "ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށް! ޢާއިލާއިން ބާކީކޮށްނުލިނަމަ އަދިވެސް އިންނަންޖެހުނީ އަޅަކަށްވެގެން ގޭގަ. މިއެކްސްޕޯގަ ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން ގަދަ 10 ގަ ހިމެނޭ މިކުންފުންޏަކީ އަހުރެމެން ދެމަފިރިންގެ މިކުންފުނި. ފިރިމީހާއާއެކު ދަނޑުގައ ބުރަކޮށް މަސައްކަތްކުރުމުންނާ ޞިއްޙަތަށް ފައިދާހުރި ތާޒާތަކެތި ކާންލިބެން ފެށުމުން ހަށިގަނޑަށް ބަދަލުއައީ. ބައްޔެއް ޖެހިގެނެއްނޫން! އޮޕަރޭޝަންކޮށް ގައިން މަސްކަފައިގެނެއްވެސް ނޫން!"  

ދޭނެ ޖަވާބެއްވެސް އެމީހުންނަކަށް ނުއެނގުނެވެ، ބުނެވޭނެ އެއްޗެއްވެސް ނެތެވެ. އެއީ ހަަމ އެމީހުން ބާކީކޮސްލި ކޮއްކޮއެވެ. މިހާރު އެހުރީ އެމީހުންނަށްވުރެ މާއުފަލުގައި މާތަނަވަހުގައެވެ. އެހެންވެ ކުރެވުނު ކުށަށް މާފަށް އެދިފައި ފަހުން ބައްދަލުކުރަން ބޭނުންކަމަށް ބުނެފައި ނުކުމެގެން ދިއައީއެވެ.  

މިއީ ރާއްޖޭގައި ހިނގާފައިވާ ޙާދިސާއެއް ނޫނެވެ. ނަމަވެސް ހަމަ މިބާވަތުގެ ކަންކަން ރާއްޖޭގައިވެސް ހިނގާތީ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައީއެވެ. އިތުރަށް ބުނެލަން އޮތީ ފަލަނަމަ ހިކެން އެންމެ ފަސޭހަގޮތްވެސް މިއޮތީ އެނގޭށެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން