އަޅުގަނޑަށްވެސް އަންހެނަކު ދެކެ ލޯބިވެވުނެވެ.
އޭނާއާއި ކައިވެނިކޮށް ޒަވާޖީ ޙަޔާތެއް ކާމިޔާބުކުރެވިދާނެކަމަށް އުންމީދުވެސް ކުރެވުނެވެ. ދުވަސްކޮޅަކުން އޭނާ އެދެންފެށީ އޭނާއަށް ބޭނުންވާ ބޮޑެތި ޚަރަދުތައްކުރުމަށެވެ. އެބާވަތުގެ ބޮޑެތި ޚަރަދުތައް ކުރެވޭނީ ކައިވެންޏަށްފަހުގައިކަމަށް ބުނުމުން އޭނާ ވަކިވީއެވެ. މިހާރު ބުނަނީ އޭނާއަށް އަޅައިނުލީ ކަމަށެވެ. އަދި އަޅައިނުލީ އޭނާދެކެ ލޯބިނުވާތީ ކަމަށެވެ. އެހެންވެ އަޅުގަނޑުގެ ސުވާލަކީ ކައިވެނީގެ ކުރިން އެދޭހައި ކަމެއް ކޮށްނުދިނުމަކީ ކުރެވޭ ކުށަކަށްވާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކުރާ ކަންކަން ކުށަކަށްވާނީ ނުބައިކަމެއް ކުރުމުންނެވެ. ކުށެއް ކުރުމުންނެވެ. ތިމާ ސަމާލުކަންދޭންޖެހޭނެ ކަމަކަށް ސަމާލުކަން ދިނުމަކުން ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަކުން ކިތަންމެ ގިނަބައަކު އެކަން ކުށްވެރިކުރިނަމަވެސް އެއީ ކުށަކަށްނުވާނެއެވެ.
ތިރީގައި އެވަނީވެސް ހަަމ ތިއަބާވަތުގެ 2 ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!
ފިރިހެނަކު ނަމަވެސް އަންހެނަކުނަމަވެސް ކައިވެނީގެ ކުރިން ލޯބިވެރިޔާގެ އަތުން ބެޑެތި ޚަރަދުތައް ކުރުވާނަމަ އެއީ ވިސްނަންޖެހޭނެ ކަމެކެވެ. ތަނަވަސްކަން ހުރިނަމަވެސް ލޯބިވެރިޔާ އެދޭހައި ކަމެއް ކޮށްދިނުމެއް ނެތެވެ. ފުރަތަމަ ކަމަކީ ކައިވެނީގެ ކުރިން ބޮޑެތި ޚަރަދުތައް ކުރުވާނަމަ އެއިގެ މާނައަކީ އޭނާގެ ކިބައިގައި ރަނގަޅު އަޚްލާޤެއް ނެތްކަމެވެ.
ތިރީގައިވާ ވާހަކައަކީ މިކަންކަމަށް ހޭލުންތެރިވާން ބޭނުންމީހުންނަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ
އެއީ އަހަރެމެން އެކުގައި ކިޔަވަން ޔުނިވަރސިޓީގައި ތިބި ދުވަސްވަރެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަށް ބަދަލުތަކެއް އައިސް އަހަރެންނާއި ދުރުހެލިވާތަން ފެންނަން ފެށުމުން ކުޑަކޮށް ހައިރާންވިއެވެ. އެކަން އެވާ ގޮތް އެނގޭތޯ ކުރިމަސައްކަތުން އެނގުނީ އޭނާ ކޮންމެވެސް އަންހެންކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމެވެ.
އަދި އޭނާ ޙާޞިލުކުރުމުގެ ބޭނުމުގައި އޭނާ ބުނާހައި އެއްޗެއް ގަނެދެމުން ގޮސް ޕޮކެޓްމަނީވެސް ހުސްވެ ކްރެޑިޓް ކާޑުން ގަނެދެމުން ގޮސް ލިމިޓް ހަމަވެ، މުއްދަތުގައި ފައިސާ ޖަމާނުކުރާތީ ކާޑުވެސް ބްލޮކްވެފައިވާ ކަމެވެ. އަދި އެވަރުންވެސް ނުފުދިގެން އެކުވެރިކުދިންގެ އަތުން ދަރަންޏަށް ވެސް ފައިސާ ނަގައިގެން ޚަރަދުކުރާ ކަމެވެ.
އަހަރެން ފުރަތަމަ އޭނާއަށް ނަޞޭޙަތްތެރިވީމެވެ. ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކައިވެނީގެ ކުރިން ބޮޑެތި ޚަރަދުތައް ކުރުވާނަމަ އެއީ ޙަޤީޤީ ލޯބިވުން ނޫންކަންވެސް ވިސްނައިދިނީމެވެ. ނަމަވެސް އެކުވެރިޔާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ.
އެހެންވެ އޭނާގެ މަންމައަށް ގުޅައި ކަންކަން ވަމުންދާ ގޮތް ކިޔައިދިނީމެވެ. މަންމަވެސް އަހަރެންގެ ވިސްނުމަށް ތާއީދު ކުރިއެވެ. ޕޮކެޓް މަނީ ނޫން އެއްޗެއް ނުފޮނުވާނެ ކަމަށްވެސް ބުންޏެވެ.
އެކުވެރިޔާއަށް ވިސްނިފައި އޮތީ މަންމައަކީ ތަނަވަސް އަންހެނަކަށްވުމުން އޭނާ ބޭނުންހައިވަރަކަށް ފައިސާ ދޭނެ ކަމަށެވެ. ނަމަވެސް އެއީ ދަރިންނާއިމެދުގައި ވިސްނާ އެއްވެސް މަންމައަކު ކުރާނެ ކަމެއް ނޫނެވެ.
އެކުވެރިޔާއަށް މަންމަ ޕޮކެޓްމަނީގެ އިތުރުން އެއްވެސް ފައިސާއެއް ނުދޭނެކަން އެނގުމާއިއެކު އެކުވެރިޔާއަށް ލޯބިވެރިޔާ ގެއްލިއްޖެއެވެ. ފޯނު ނެގުންވެސް ހުއްޓާލައިފިއެވެ. ދެން ފެންނަންފެށީ އެހެން ކުއްޖަކާއިއެކު ބޭރުގައި އުޅޭތަނެވެ. ޗުއްޓީ ދުވަސްދުވަހުވެސް ޔުނިއަށްވަދެވެސް ނުލައި ބޭރުގައި އުޅެފައި ރޭގަނޑު ދަންވަރު ޔުނިއަށް އަންނަތަނެވެ. އެކުވެރިޔާއަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ.
އަދިވެސް ހަމަ އެފަދަ ޥާހަކައެއް ކިޔައިދޭނަމެވެ. އަހަރެންގެ އެކުވެރި ވިޔަފާރިވެރިއެކެވެ. އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނެވެ. އޭނާއަށް ޚަރަދުކުރަމުން ގޮސް ދަރަނިވެރިވެ ވިޔަފާރި ހުއްޓޭ ހިސާބަށް ކަންކަން ގޮސް އަތްމަތި ދަތިވެ ޚަރަދު ނުކުރެވޭ ހާލަތަށް ދިއުމާއިއެކު ލޯބިވެރިޔާ ދޫކޮށްލައި ޚަރަދުކުރާނެ އެހެން މީހަކު ހޯދައިފިއެވެ. އެކުވެރިޔާ އިނދަނުޖެހި ސަލާމަތްވީ އޭނާގެ ތަނަވަސް އެކުވެރިން އޭނާ ސަލާމަތްކޮށްދިނީތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިދެވާވާހަކަކޮޅު ހިއްޞާކޮށްމިލީ މިއީ ކޮންމެ ފިރިހެނަކުވެސް އަދި އަންހެނަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ތަނަވަސް އަންހެނުންގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައިވެސް އަދި ތަނަވަސް ފިރިހެނުންގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައިވެސް ގިނަބައަކު ގުޅޭނެއެވެ. އެކަމަށް ސަމާލުވުމަކީ ހަމަ އެމީހެއްގެ ކަމެކެވެ.
ޔަޤީންކުރެވޭ ކަމަކީ ކައިވެނީގެ ކުރިން އަގުބޮޑު އެއްޗެއްސަށް ނުވަތަ ފައިސާއަށް ބޭނުންވެގެން ބުނާނަމަ އެއީ ވިސްނަން ޖެހޭނެ ކަމެއްކަމެވެ. އެކަމަށް ނުވިސްނައިފިނަމަ އެމީހަކު ދަރަނިވެރިވެ ބަނގުރީޓުވުން ވެސް އޮންނަނީ ދާދި ގާތުގައެވެ. މިއީ ކޮންމެ ދުވަހަކުހެން ފެންނަމުންދާ ކަންކަމެވެ. އެނގިހާމަވަމުންދާ ކަންކަމެވެ.
އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިކަން މިގެނައީ އަޅުގަނޑުގެ 3 ވަނަ އެކުވެރިޔާއަށް ވެސް މިފަދަ ގޯހެއް ހެދިގެން ސަލާމަތްނުވެވިގެން 2 ފިހާރައިން އެއް ފިހާރަ ދާދިފަހުން ވިއްކާލަން ޖެހިފައިވާތީއެވެ. އޭނާއަށް ވެސް ނަޞޭޙަތްދިނީމެވެ. ޤަބޫލުނުކުރީއެވެ. ހަމަ ލޯބީގެ އަވާގައި ޖެހިގެންނެވެ.
ފައިސާހުރިނަމަ ލޯބިވާނެ އަންހެނުންވެސް އަދި ފިރިހެނުންވެސް ބައިވަރު ތިބޭނެއެވެ. ނަމަވެސް އެމީހުން އެލޯބިވަނީ ފައިސާދެކެއެވެ. ފައިސާ ހުސްވާއިރަށް ލޯބިވުން ނިމޭނެއެވެ.
- އަރުޝަދު / މިއަދުނޫހުގެ ކިޔުންތެރިއެއް