މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.7 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ކަންކަމަށް ޚަރަދުކޮށްފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ.
މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވެފައިވީނަމަވެސް، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރި ޚަރަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 436.7 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ސްކީމްތަކަށް 607.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު ވަނީ 28 އިންސައްތަ ދަށްވެފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ބަދަލެކެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ ޖުމްލަ 2.02 ބިލިޔަން ރުފިޔާއެވެ. މިހާތަނަށް ކުރެވުނު ޚަރަދުތަކަށް ބަލާއިރު، އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުން މިހާރު ބާކީ އިނީ ގާތްގަނޑަކަށް 1.58 ބިލިޔަން ރުފިޔާއެވެ.