ހިޒްބުﷲއާ ދެކޮޅަށް ކަމުގައި ބުނެ އިސްރާއީލުން ލުބުނާނަށް ދެމުންއައި އުދުވާނީ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމާ ގުޅިގެން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މިކަމާގުޅިގެން ރައްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގައި ހިނގަމުން އައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަަސްވެފައިވާކަން އެމެރިކާ ސަރުކާރުން އިއުލާނުކުރުމުން އެކަމަަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ހަރުދަނާ އީޖާބީ ފިޔަވަޅެއް ކަމުގައި ދެކޭކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ޔަގީންކޮށްދިނުމަކީ ދުނިޔޭގެ ވިޔަފާރި ސަލާމަތުން ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ލުބުނާނުގައި ހިނގަމުންއައި ހަމަލާ ބަދަލުކުރުން މެދުކެނޑުމަކަށް ގެނައުމުގައި ލުބުނާނުގެ ސަރުކާރާއި އެމެރިކާ ސަރުކާރުން އަދާކުރި މުހިއްމު ދައުރު ފާހަަގަކޮށް ދިވެހި ސަރުކާރުން ވަނީ އެ ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ. މިއީ ސަރަހައްދީ ހަމަނުޖެހުން ހައްލުކޮށް ދެމިގެންދަނިވި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ ކުރިއަށްނެރުމަށް ލިބުނު ފުރުސަތެއްކަމަށް ސަރުކާރުން ދެކެއެވެ.
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކޮށް ސުލްހަވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ހުރިހާ މަސައްކަތެއްގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި މަދަދު ލިބޭނެކަމުގެ ޔަގީންކަން ހާރިޖީ ވުޒާރާއިން ވަނީ ތަކުރާރުކޮށްފައެވެ.