މާލޭ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ ފަސްވަނަ ސެގްމަންޓްގެ 45 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
މާލޭ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ ފަސްވަނަ ސެގްމަންޓްގެ 45 އިންސައްތަ ނިމިއްޖެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ފަސްވަނަ ސެގްމަންޓްގެ މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި މި ސެގްމަންޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޖަންކްޝަން ނިޒާމާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މަގުގެ ކާބްސްޓޯން ޖެހުމާއި، ދުވާރު ހެދުމާއި، މަގު ބައްތިތަކުގެ ފޫޓިން އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. އަދި ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމާއި ކޭބަލް ޓްރެންޗް ހެދުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެއެވެ.

މަޝްރޫޢުގެ ތާވަލާ އެއްގޮތަށް ކުރިއަށް އޮތް ހަފުތާގައި ވާރޭފެން ހިންދާ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގެ އުތުރު ފަރާތުގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރަށް ލުއިފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ސެގްމަންޓްގެ މަސައްކަތްތަކަށް ބަލާއިރު، ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ތާވަލަށްވުރެ އަވަހަށް ކުރިއަށްދާކަން އެމްޓީސީސީން ފާހަގަކުރެއެވެ. މިގޮތުން މިހާތަނަށް ޖުމްލަ 145 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް މިހާރު ވަނީ ނިންމާލެވިފައެވެ.

މިއަދު އޮންލައިން