ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެނދުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެނދު އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އިތުރު ޚިދުމަތްތައް ފެށުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިތުރު އެމްއާރްއައި މެޝިނަކާއި އެކްސްރޭ މެޝިންތައް ހުޅުމާލެ ހޮސްޕިޓަލްގައި ބަހައްޓާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ މިފަދަ އިތުރު ޚިދުމަތްތައް ފެށުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު އިމާރާތެއް އަޅަންޖެހޭކަމަށެވެ. އެގޮތުން 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ހިމެނޭ ގޮތަށް އައު އިމާރާތެއް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ ކުރިމަގުގެ ޕްލޭންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، "ހުޅުމާލެ ހޮސްޕިޓަލްގެ ގައިނީ ޑިޕާޓްމަންޓްގައި ލޭބަރ ރޫމްތަކާއި ވޯޑެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނަން. އޭގެ އިތުރުން ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވިއިރު ލިބުނު ރިކުއެސްޓްތަކަށް ބަލާ ހުޅުމާލެ ހޮސްޕިޓަލުގައި މިއަހަރު ނިއުރޮލަޖީ އޯޕީޑީ ޚިދުމަތާއި ޔޫރޮލަޖީ ޚިދުމަތް ފަށަން މަސައްކަތް އެބަކުރަން" ކަމަށެވެ.
މި ބަދަލުތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.