ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ.

މާލީ ވުޒާރާއިން މިގޮތަށް އަންގާފައިވަނީ 17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައެވެ. މި ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޕީ.ސީ.ބީއަށް ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި އިރުޝާދުގެ ދަށުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމުގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ އަންގާފައެވެ. އެގޮތުން، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު ނުވަތަ "މެރިޓް ބޭސްޑް ޕޮލިސީ" މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އެންމެ އެކަށީގެންވާ އަދި ގާބިލު ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. މި ފިޔަވަޅުތަކާއެކު ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވެ، ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން