ތުރުކީގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ތުރުކީގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް ނިންމައިފި

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ތުރުކީގެ މައި އެއް ޝަހަރު ކަމުގައިވާ އިސްތަންބޫލާއި މާލެއާ ދެމެދުއެވެ. މި އިތުރު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ޝެޑިއުލް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޝެޑިއުލް ކުރެވިފައިވާ ގޮތުން، އިސްތަންބޫލްއިން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެއިން އިސްތަންބޫލަށް ކުރާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.

މި އާ ދަތުރުތަކާއެކު، މިހާރު ޓާކިޝް އެއާލައިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވެގެންދާނެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ތުރުކީ މަގުން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

މިއަދު އޮންލައިން