މުޅި ޞިއްޙީ ނިޒާމް ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ޑޮކްޓަރުން އަދާކުރައްވަނީ އެންމެ މުހިންމު ދައުރު ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މަސައްކަތުގެ މައިދާނުގައި ކޮންމެ ދުވަހަކު ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުވެސް ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއް ކަމަށެވެ. އަދި ޑޮކްޓަރުންގެ މަސައްކަތަކީ އަގުނުކުރެވޭ ފަދަ މާތް އިންސާނީ ޚިދުމަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"ޞިއްޙީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ތިބޭފުޅުން އަދާކުރައްވަނީ އެންމެ އަދި އެންމެ މުހިންމު ދައުރު. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އާއިލާއާއި އަމިއްލަ ކަންކަމަށް ލިބޭ ވަގުތާއި ނިދި ގުރުބާންކޮށް ރެއާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ މާތް އިންސާނީ ޚިދުމަތެއް،" ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްދިއުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި މިހާރުގެ ސަރުކާރުން ސާބިތުކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ސީއީއޯ ވަނީ ދެއްވާފައެވެ.
ޢަބްދުއްރައްޒާޤް ޙަލީމްގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ހުރިހާ ޑޮކްޓަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުންނެވެ.