މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށްދިޔަ ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއްގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވުނު މި އިންތިހާބުތަކުގެ މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ހައްވާ ފަޒުނާއެވެ. އޭނާއާ ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމެވެ.
ދެވަނަ ގޮނޑިއެއްގެ ގޮނޑިއެއްގެ ގޮތުގައި ޕީއެންސީން ކާމިޔާބުކުރީ ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑިއެވެ. އެ މަގާމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތުރު ރިއުޒާއެވެ. އޭނާއާ ވާދަކުރީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓް ފާތިމަތު ނިޝާދާއެވެ.
ޕީއެންސީން ކާމިޔާބުކުރި ތިންވަނަ ދާއިރާއަކީ ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި އިންތިހާބެވެ. މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ޝާފިޔާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް މާއިޝާގެ މައްޗަށް ކުރިހޯދާފައެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ޔަގީންނުވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމަށް ބޭއްވި އިންތިހާބާއި، ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދު މި ނަތީޖާތަކުން ހާމަވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ގެންދަވަނީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ވަގުތުތަކުގައި އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.