ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޚިދުމަތްކުރުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޚިދުމަތްކުރުން: ރައީސް

ކާމިިޔާބީއާއި ނާކާމިޔާބީގައިވެސް ސަރުކާރުން އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ވެރިކަން ހިންގާ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ނިމިދިޔަ ބައި-އިލެކްޝަންތަކުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅުހުން ވާދަކުރި ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީއެންސީގެ ރައީސްގެ މަޤާމުވެސް ފުރުއްވާ ޑރ. މުޢިއްޒު ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަކީ ރައްޔިތުން ޙަވާލުކުރާ މަތިވެރި އަމާނާތެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން، މަޤާމުގެ ޒިންމާ އަދާކުރެއްވުމުގައި ތެދުވެރިވެ، އަމާނާތްތެރިކަމާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ހަވާލުވެވުނު ޒިންމާ އަދާކުރުމުގައި އިޙްލާސްތެރިވާންޖެހޭނެ. އަމާނާތްތެރިވާންޖެހޭނެ. ތިމަންނާއަށް ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަންޖެހޭނެ. އެކުވެރިކަމާއެކުގައި ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކީގައި ކުރެވިއްޖެނަމަ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ ހުރިހާ އިންތިޚާބީ ކެންޑިޑޭޓުން ކުރައްވާނެ އެކަންތައްތައް، ކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި." ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވުނު ނަމަވެސް، ބައެއް ސިޓީތަކުންނާއި ރެފެރެންޑަމް ވޯޓުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސަތަކީ ކާމިޔާބީގައިވެސް އަދި ނާކާމިޔާބީގައިވެސް އަދުލުވެރިކަން އިސްކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހު މި ފަރާތްތަކުން މަގާމާއި ހަވާލުވެވަޑައިގަންނަވާއިރު، އެ ހިސާބުން މި ފެށިގެން ދެނީ ރައްޔިތުން ކުރެއްވި އިތުބާރު އަމަލީ ގޮތުން ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތް ކަމަށެވެ. އަދި ކައުންސިލްތަކާއި ޑަބްލިއުޑީސީއަކީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކާމިޔާބީއަކީ ﷲ މިންވަރު ކުރައްވާ އެއްޗެއް، ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް، އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. ކައުންސިލްތަކަށް އަޅުގަނޑުމެންގެ ފަރާތުން، އަދި ޑަބްލިއުޑީސީގެ ފަރާތުން އަޅުގަނޑުމެންގެ ފަރާތުން ހޮވިގެން މިދިޔަ ހުރިހާ ބޭފުޅުންގެވެސް ވިސްނުންފުޅުގައި ހުންނަން ވާނީ މި ދެންނެވި ކަންތައް. މިއީ އަޅުގަނޑުމެންނަށް މަތިކުރެއްވި މަތިވެރި ޒިންމާއެއްކަން، އަމާނާތެއްކަން، މަސްއޫލިއްޔަތެއްކަން،". ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގެ ތަރައްޤީއަށް މަސައްކަތްކުރުން ކަމަށެވެ. އަދި އިންތިޚާބުވި މެންބަރުންނާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތްކުރާނެ ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

 


މިއަދު އޮންލައިން