524 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ، ހަރު މުދަލެއް ނުވިއްކައި، އަމިއްލަ ބާރުވެރިކަމުގައި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
524 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ، ހަރު މުދަލެއް ނުވިއްކައި، އަމިއްލަ ބާރުވެރިކަމުގައި: ރައީސް

ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ)، ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި، މި ސަރުކާރުން ދައްކާ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިޢުލާނު ކުރައްވައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދެއްކީ އިތުރު ބޮޑު ދަރަންޏެއް ބޮލުގައި ނާޅުވައި، ގައުމީ އިގްތިސާދުގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސުކޫކް ދައްކައި ނިމުމާއެކު، ކުރީ ސަރުކާރުން ރަހުނުކޮށްފައި އޮތް ދައުލަތުގެ މުހިންމު ހަތަރު ބިމެއް ނުވަތަ އިމާރާތެއް މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1.    ދަރުމަވަންތަ ހޮސްޕިޓަލް

2.    ފިނޭންސް މިނިސްޓްރީގެ އިމާރާތް

3.    އައިޖީއެމްއެޗް ހުރި ބިން

4.    އިސްކަންދަރު ސްކޫލްގެ ބިން

 "އެހެން ނޫނިއްޔާ ދަރުމަވަންތަ ހޮސްޕިޓަލަށް ކިހިނެއްތޯ ވާނީ، އިންކޭސް މިސާލާކަށް އެ ސްކޫކް ނުދެއްކުނު ނަމަ، އެތަން ގެއްލޭނެ ނޫންތޯ، އެވަރު ކަންކަން މިދިޔަ ސަރުކާރުން ކޮށްފައި ހުރީ. ނަމަވެސް އެ ބޭފުޅުން ރައްޔިތުންގެ ގާތަށް މި ދަނީ ވޯޓު ހޯދަންވެސް. އެހެންވީމަ އެތަންވެސް ސަލާމަތް ކުރީ، ފިނޭންސް މިނިސްޓްރީގެ އެ ބިމާއި، އަދި އެއާ އެކީގައި އައިޖީއެމްއެޗް ހުރި ބިމާއި، މިތަންތަންވެސް ހުރީ މި ސްކޫކް ތެރެއަށް ލާފައި، އަދި އިސްކަންދަރު ސްކޫލްގެ ބިމާ. މި ހުރިހާ ތަނެއްވެސް އެ ހުރީ ސަލާމަތްވެފައި، ސަލާމަތްކޮށްފައި." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސުކޫކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ފައިސާ ދެއްކިކަމުގެ ސާފު ހެކިތައް މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފެންނަން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް ތަންތަން ރަހުނުކޮށްފައި ނަގާފައިވާ އިތުރު ލޯކަލް ސުކޫކްތަކެއް ވެސް އެބަހުރި ކަމަށާއި، އެ ތަންތަނުގެ ތަފްސީލު ހާމަކޮށް، އެ މުދާތައް ވެސް ސަލާމަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމު ބަނގުރޫޓުވިޔަ ނުދީ، ވާރުތަވި ބޮޑެތި ދަރަނިތައް ހަލާސްކުރުމަށް ކަމަށެވެ. އެގޮތުން ދާހިލީ ގޮތުންނާއި ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއަދު އޮންލައިން