ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ، ޕާޓީގެ ކެމްޕެއިން ޓީމުތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުން ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މައްސަލައަކީ ވަރަށް ސާފުކޮށް އޮތް ކަމެއް ނަމަވެސް، ރައްޔިތުންނަށް އެކަން އެންމެ ރަނގަޅަށް ކިޔައިދެ ދެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކެމްޕެއިން ހަރަކާތްތައް ނިންމާލި ދުވަހު ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނެ ފައިދާތައް ކުރު ގޮތަކަށް ވިދާޅުވެދެއްވަން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ، އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތައް ރައްޔިތުންނާ ހަމައަށް ފޯރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ލިބޭ ފައިދާތައް ކުރު ގޮތަކަށް ކިޔައިދެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް އެދޭ ކަމަށެވެ. ނަމަވެސް، ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށާއި، އެހެންކަމުން މިކަމާ ގުޅޭގޮތުން ގާނޫނަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައި ވޯޓު ހޯދަން ދާއިރު، ޕީއެންސީގެ ޓީމުތަކުން އެއް ޓީމެއްގެ ގޮތުގައި ބަދަހިކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށާއި، އެހެންކަމުން މިހާރު އޮތް ގާނޫނަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި މި ވޯޓުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ 68.7 އިންސައްތަ މީހުން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. އެއީ 148,859 މީހުންނެވެ. ދެ އިންތިޚާބު އެއްކޮށްލަން ފެންނަ ކަމަށް ވޯޓު ދިނީ 67,680 މީހުންނެވެ.