ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އއ. އަތޮޅުގެ ތިން ރަށަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީއަކީ އެންމެން އެކަތިގަނޑަކަށް ވެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ރާފިއު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫ، އއ. އުކުޅަސް އަދި އއ. ތޮއްޑޫގައި ބޭއްވި އިންތިހާބުތަކުން އިދިކޮޅު އެމްޑީޕީ ބޮޑުތަނުން ބަލިކޮށް، ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މި ނަތީޖާ ހާސިލްކުރެވުނީ އެއް އަމާޒަކަށް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން ކަމަށެވެ.
މި ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ ކެމްޕެއިންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގައި ކެމްޕެއިން ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރާފިއު ވިދާޅުވީ، މި ތިން ރަށަށް ކުރެއްވި ޒިޔާރަތްތަކުން ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ނަތީޖާ ހާސިލް ކުރެވުނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއް ބައެއްގެ ގޮތުގައި، އެއް އަމާޒަކަށް، އެއް އާއިލާއެއްގެ ގޮތުގައި، އެއް ޓީމެއްގެ ގޮތުގައި، އެއް ކަމެއް ކުރުމަށް އެއް ވަގުތެއްގައި މަސައްކަތް ކުރެވުނީމަ. މި ކާމިޔާބު ހޯދުމުގައި ތިޔަބޭފުޅުން ކޮށްދެއްވި މިންނަތް މަސައްކަތަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރާނެ ކަމެއް. ކެމްޕެއިންގައި އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ކެމްޕެއިން ޓީމުތަކުގެ ނަމުގައި، އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާފިއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ތިން ރަށުގެ ކައުންސިލްތަކުން މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ކަމަށެވެ. އަދި ރަށްރަށުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް، ޕީއެންސީގެ ޓީމު ބޮޑުކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، މިނިސްޓަރު ރާފިއު ވަނީ ދެކަނބަލުން އެ ރަށަށް ވަޑައިގެން ދެއްވި ހިތްވަރަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މި ޖަލްސާ ނިންމަވާލެއްވީ ގުޅިގެން ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާ ކުރައްވަމުންނެވެ.