ބައްޕަ، މަންމަ ވަރިކޮށްލާފައި ދިއުމަކީ ދަރިންދެކެ ރުޅިއަންނަންޖެހޭ ކަމެއްތޯ؟ އަޅުގަނޑަށް ދުވަހަކުވެސް މަންމަގެ ލޯތްބެއް ނުލިބޭ! ކޮންމެ ދުވަހަކު ޖެހެނީ ރޯން!
މިއީ ކުދިން ކުރާ ސުވާލެކެވެ. ބުނާ ވާހަކައެކެވެ. އެހެންކަމުން މިއީ މަންމަވެސް އަދި ބައްޕަވެސް ވިސްނަންޖެހިފައިވާ ކަމަކަށްވުމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
އިންސާނުންގެ ތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ. ގިނަ ޢަދަދެއްގެ މައިން އެމީހުންގެ ދަރިންނަށްޓަކައި ޖާނުން ޤުރްބާންވެއެވެ. ކިތަންމެ މަދުން ނަމަވެސް ދަރިންނަށް އަޅާނުލައި ނިކަމެތިކުރެވޭ މައިންވެސް ތިބެއެވެ. ގިނަ ފަހަރު އެގޮތަށް ކަންތައް ކުރެވެނީ ފިރިމީހާގެ ސަބަބުން ލިބޭ އަނިޔާ ބޮޑުކަމުން ހިތުގައި ފިރިމީހާއަށް އުފެދޭ ނަފްރަތުގެ ސަބަބުންނެވެ.
މިއީ ކޮންމެ މައަކުވެސް ވިސްނާލަންވީ ކަމެކެވެ. ފިރިމީހާ ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް އެކަމުގެ އަދަބު ދަރިންނަށް ނުދޭށެވެ! އެކަމުގައި ދަރިފުޅުގެ އެއްވެސް ކުށެއް ނުއޮންނާނެތީއެވެ. ދަރިފުޅަށް ނިކަމެތިކޮށް ހިތައިފިނަމަ ފަހުން ހިތާމަކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ.
ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަނިޔާލިބުނު ދަރިއެއްގެ އިޙްޞާޞްތަކެވެ. މަންމައަށް ލިބުނު ދެރައާއި ކުރަންޖެހުނު ހިތާމައިގެ ވާހަކަވެސްމެއެވެ. ވާހަކަވިދާޅުވެލައްވާށެވެ!
އަހަރެން ހަނދާން ހުންނަން ފެށީންސުރެ އަހަރެންނަށް ހުރިހާ ކަމެއް ކޮށްދެނީ މާމައެވެ. މަންމަ ކަމެއްކޮށްނުދޭތަނުގައި ގިނަވާނީ އަނގައިންވެސް ނުބުނާ ދުވަސްތަކެވެ. އެކަމާ ދެރަވެ ކޮންމެ ދުވަހަކުހެން ރޮވެއެވެ. ނަމަވެސް މާމަ އަހަރެންނަށް ހިތްވަރުދެއެވެ.
މާމަބުނަނީ މަންމަ ރުޅިއަންނަނީ އަހަރެންދެކެ ނޫން ކަމަށެވެ. އަހަރެންގެ ބައްޕަ ދެކެ ކަމަށެވެ. އަހަރެންނަށް ބަލިވެއިންދާ ވަރިކޮށްލާފައި ދިއުމުން ބައްޕަދެކެ އަންނަންފެށި ރުޅި އަދިވެސް ހަމައަކަށް ނޭޅެނީ ކަމަށެވެ.
އެންމެ ކުޑައިރުވެސް ސުވާލު އުފެދެއެވެ. ބައްޕަ ކުރި ނުބައިކަމަކާއިހުރެ އަހަރެންނަށް މަންމަ އެހައި ބޮޑު އަދަބެއް ދޭންވީ ކީއްވެގެންހެއްޔެވެ؟ ތަންކޮޅެއް ބޮޑުވުމުން ހިތަށް އަރައެވެ. ހަމަގައިމުވެސް މަންމަގެ ބަނޑުގައި އޮވެގެން އަހަރެންނަށް ބައްޕައާއި ވާހަކައެއް ނުދެއްކޭނެއެވެ. އެހެންވީއިރު މަންމަ ވަރިކޮށްލާފައިދާކަށް ބައްޕަގެ ގާތަކު އަހަރެންނަކަށް ނުބުނެވޭނެ ނޫން ހެއްޔެވެ؟
ކޮންމެއަކަސް އުމުރުން 12 އަހަރުގައި މާމަ ނިޔާވެއްޖެއެވެ. މަންމަ ޢާއިއެކުގައި އެކަނި އުޅެން ޖެހިއްޖެއެވެ. މަންމަ ފަހުންކުރި ކައިވެނީގައި ދަރިއަކު ނުލިބެއެވެ. ވީމާ ގޭގައި އުޅުނީ 3 މީހުންނެވެ.
މާމަ ދުނިޔޭގައި ހުރިއިރު މަންމަ އަނގައިން ނުބުނި ނަމަވެސް މާމަމަރުވުމުން އެއްޗެތިގޮވަން ފަށައިފިއެވެ. ބައެއްފަހަރު އަނިޔާވެސް ކުރަން ފަށައިފިއެވެ. އެތަން ފެންނައިރުވެސް ދޮންބައްޕަވެސް އަނގައިންވެސް ނުބުނެއެވެ. އަޅައިވެސް ނުލައެވެ.
އެކަންކަމަށް ކެތް ނުކުރެވިގެން ގެއިން ނުކުމެގެން ގޮސް ދަރުބާރުގޭ ކައިރިން އަތިރިމަތީގައި ރޯން އިންދާ މަންމައަށްވުރެ ޢުމުރުން ދުވަސްވީ އަންހެނަކު އައިސް އަހަރެންނާއި ވާހަކަދެއްކިއެވެ. ރޮނީ ކީއްވެގެންތޯ ސުވާލުކުރީމާ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.
އޭނާ އަހަރެންގެ އަތުގައި ހިފައިގެން ގެންދިއައީ ގެއަށެވެ. ގެއަށް ގޮސް މަންމަ ހޯދާފައި އަހަރެން އޭނާއަށް ދީފާނަންތޯ ސުވާލުކުރުމުން ބުނީ އަވަހަށް ގެންދާށެވެ. ދެން އޭނާ އަހަރެން ގޮވައިގެންދިއައީއެވެ.
އެއީ ވަރަށް ހެޔޮ ދައްތައެކެވެ. މާމަގެ ކިބައިން ލިބުނު ވަރާއި ގާތަށް އެދައްތަގެ ކިބައިން ލޯބިލިބުނެވެ. ދައްތަގެ ފިރިމީހާވެސް ވަރަށް ހެޔޮކޮށް ކަންކަން ކޮށްދެއެވެ. ދުވަހަކުވެސް ދެމަފިރިންކުރެ މީހަކު ދަރިފުޅާއެވެ. ކިޔާފައި ނޫނީ އަނގައިންވެސް ނުބުނާނެއެވެ.
އަހަރެންގެ އުމުރުން 15 އަހަރުގައި އެއްދުވަހު ކޯޓަށް ކިޔައިފިއެވެ. އެއީ މާމަގެ ގެދޮރާ މުދައު މަންމަގެ ނަމަށް ބަދަލުކުރަން އެދުނީމައެވެ. އަހަރެން ގޮވައިގެން ކޯޓަށް ދިއައީވެސް ދައްތަ އާއި ބޭބެއެވެ.
ކޯޓުގައި މަންމަގެ ދައުވާ ހުށަހެޅުމުން ޤާޟީ ބުނީ މަންމައަށް މާމަގެ އެއްވެސް އެއްޗެއް ދެވެން ނެތްކަމަށެވެ. މާމަވަނީ މާމަގެ ގެދޮރާއި މުދައު އަހަރެންނަށް ހިބައިން ދީފައި ކަމަށެވެ. އެލިޔުންތައް ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި ލިޔުންތަކުގެ ކޮޕީ ވެސް މަންމައާއި ޙަވާލުކުރިއެވެ.
މަންމަ އެވަރުންވެސް ގޮތް ދުލެއް ނުކުރެއެވެ. މާމަގެ މުދައު ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯޓުން މާމަގެ ހުރިހާ އެއްޗެއް ރަޖިސްޓްރީ ބަދަލުކޮށްދިނީ އަހަރެންނަށެވެ.
ދެން މަންމަ މަސައްކަތްކުރީ އަހަރެން މަންމަ ގާތަށް ގެންދާށެވެ. އެކަމާވެސް ކޯޓަށް ދިއައެވެ. ނަމަވެސް މަންމަ އަހަރެންނާއިމެދު ކަންކަންކުރި ގޮތް ކިޔައިދިނުމުން މަންމަ ގާތަށް ދާން ކޯޓުން މަޖުބޫރެއް ނުކުރިއެވެ. އެކަން އެގޮތަށް ހަމަޖެހުނީ ބޭބެ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ.
އަހަރެން އެނބުރި ގެއަށްދިއައީ ކައިވެނިކޮށްގެން ފިރިމީހާ އާއިއެކުގައެވެ. މަންމަ ގެއިން ބޭރެއް ނުކުރަމެވެ. އަހަރެންވެސް ހެދިގޮތަކީ މަންމަ އާއި މާގިނަ ވާހަކަ ނުދައްކައި ގޭގައި އުޅުނީއެވެ. މަންމަ ވަރަށް ދެރަވެގެން ފާޑުފާޑުގެ ވާހަކަތައް ދައްކަން އުޅުނެވެ. ނަމަވެސް ފުރުޞަތެއް ނުދެމެވެ. އަނގައިން ނުބުނެ ދުރަށްދަނީއެވެ.
ފުރަތަމަ ދުވަހުވެސް މަންމަ ގާތުގައި ބުނީމެވެ. "ކޮންމެ ގޮތަކަށް މަންމަ ކަންކަން ކޮށްފައިވީނަމަވެސް މަންމައަށް ހެޔޮކޮށް ހިތާނަމެވެ. މަންމަ ބަލަންވެސް ބަލާނަމެވެ. ނަމަވެސް މާބޮޑަށް ދަރިފުޅުވެގެން ނުއުޅޭށެވެ. އަދި އަހަރެންގެ ދިރިއުޅުމާއި ނުބެހޭށެވެ. މަންމަ ހަމަ ގެކަމަށް ބަލައިގެން ގޭގައި އުޅޭށެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މަންމަވެސް ދައްތަވެސް މިހާރު މުސްކުޅިވެއްޖެއެވެ. އަދިވެސް ހަޤީޤީ މަންމަގެ ޤަދަރު ދެވެނީ އެދައްތައަށެވެ. ދެން ވަރަށް އާދޭސްކޮށްފައި ބުނެލަން ބޭނުމީ ކައިވެނި ރޫޅުމަކީ އެކަމުގެ އަދަބު ދަރިންނަށް ދޭ ސަބަބަކަށް ނުހަދާށެވެ. އެކަމުން ލިބުނު އަނިޔާ އަހަރެންގެ ހިތް ކުދިކުދިކޮށްލައިފިއެވެ.
މިގޮތަށް ކަންކަން ދިމާވީމާ ހުރިހާ ދަރިން ކަންކަން ކުރާނީ އަހަރެން މަންމައާއިމެދު ކަންކަންކުރި ގޮތަކަށް ނޫނެވެ. އެއީ ކިތަންމެ ގޯސްކަމެއް ނަމަވެސް ބަދަލުހިފާނެ ދަރިންވެސް ތިބޭނެއެވެ.
އަދި ފަހުން މާމަގެ ރައްޓެއްސެއްގެ ކިބައިން އެނގުނު ގޮތުގައި މާމަ އެގޮތަށް ކަންތައް ކުރީ މަންމައަށް ގެ ދިންނަމަ އަހަރެން މަގުމަތިކުރާނެތީއެވެ. އަދި އަހަރެން މަންމަ ނެރެ އެއްލައިނުލާނެކަން މާމައަށް ޔަޤީންކުރެވޭތީއެވެ. މާމަ އަހަރެންނަށް ކުރި އިތުބާރު އަހަރެން ދަމަހައްތައިފީމެވެ. އިން ޝާ ﷲ
- މައްޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް