މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާތައް އިއުލާނުކޮށް، ހުރިހާ ދާއިރާތަކެއްގެ ނަތީޖާ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ޕީއެންސީން ވަނީ ޖުމްލަ 584 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑިއެވެ. މިއާއެކު 21 ގޮނޑީގެ ފަރަގަކުން އިންތިޚާބުގެ ކުރި ޕީއެންސީން ވަނީ ހޯދާފައެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރި 169 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީއޭއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް ހަ ގޮނޑި، ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި އަދި ދަ ޑިމޮކްރެޓްސްއަށް ދެ ގޮނޑި ލިބިފައިވެއެވެ.
ޖުމްލަ 1351 ކެންޑިޑޭޓުން އިންތިޚާބުކުރި މި އިންތިޚާބުގައި، ރާއްޖޭގެ ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. އެގޮތުން ކައުންސިލް ރައީސުންގެ 75 ގޮނޑި އެ ޕާޓީން ހޯދިއިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކުގެ ތެރެއިން 101 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 88 ގޮނޑިއެވެ.
ކައުންސިލް މެންބަރު ކަމުގެ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން 99 ގޮނޑި ކާމިޔާބުކުރިއިރު އެމްޑީޕީއަށް ލިބުނީ 82 ގޮނޑިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 84 ގޮނޑި ޕީއެންސީން ހޯދިއިރު، އެމްޑީޕީއަށް ލިބިފައިވަނީ 60 ގޮނޑިއެވެ. އަދި ކޮމެޓީ މެންބަރުންގެ 216 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު އެމްޑީޕީއަށް ލިބުނީ 167 ގޮނޑިއެވެ.
ނަމަވެސް، ސިޓީތަކުގެ ނަތީޖާ އަށް ބަލާއިރު ކުރި ހޯދާފައިވަނީ އެމްޑީޕީންނެވެ. ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު ޕީއެންސީއަށް ލިބުނީ ފަސް ގޮނޑިއެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދިއިރު ޕީއެންސީއަށް ލިބިފައިވަނީ ހަތަރު ގޮނޑިއެވެ.
