ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް ޖުމްލަ 549 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 488 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %12.5 އިތުރު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި އެކަނިވެސް 35 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32 މިލިޔަން ޑޮލަރާ އަޅާބަލާއިރު ކުރިއެރުމެކެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު 440 މިލިޔަން ރުފިޔާއަކީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ %10.9 އެވެ.
މީރާގެ ރިޕޯޓުން ދައްކާގޮތުގައި ރިސޯޓް ކުލީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 29 މިލިޔަން ޑޮލަރެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ ޑޮލަރު އާމްދަނީގެ %14 އެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.