ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ސަބަބުން ދައުލަތާއި ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުންގެ ޝުޢޫރުތަކާ އެއްގޮތަށް ވެރިކަން ބައްޓަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން، މިހާރު ޤާއިމުކޮށްފައިވާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ އެމަނިކުފާނުގެ މި މަސައްކަތްޕުޅުގައި އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް މުހިންމު ދައުރެއް އަދާކުރާ އޮފީހެއްކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، އެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުމުގައި ޒަމާނީ އޭއައި (AI) ޓޫލްތައް ބޭނުންކުރާނެ ކަމަށެވެ. މި ޓެކްނޮލޮޖީގެ އެހީގައި ޝަކުވާތައް ވަކިކޮށް، އެ ޝަކުވާއަކާ ގުޅުންހުރި އިދާރާއަކަށް ވަގުތުން ފޮނުވައި، އެކަން ހައްލުކުރުމުގެ މަސައްކަތް އަވަސްވެގެންދާނެއެވެ.
ޝަކުވާތައް އިންތިޒާމުކުރެވޭނެ ގޮތުގެ މިސާލެއް ދައްކަވަމުން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، "މިސާލަކަށް މިއަދު އަޅުގަނޑުމެންނަށް ލިބެނީ 500 ޝަކުވާ. ރާއްޖޭގެ އެކި ކަންކޮޅުތަކުން. އެކި ކަންކަމާމެދު އެކި މީހުން އެކި ގޮތްގޮތަށް. ލިބުނީމަ އެ ހުރިހާއެއްޗެއް އޭއައި ޓޫލުން އެ ހުރިހާ އެއްޗެއް ވަކިކޮށްލާފައި މިއޮތީ ހައުސިންގ މިނިސްޓްރީއާ ގުޅޭ އެއްޗެކޭ. މިއޮތީ ހޯމް މިނިސްޓްރީއާ ގުޅޭ އެއްޗެކޭ. އަދި ހޯމް މިނިސްޓްރީގެ ތެރެއިން މިސާލަކަށް މި ގުޅެނީ ވަކި އިދާރާއަކާއޭ. އެހާ ހިސާބަށްވެސް ތިލަކޮށްލަނީ،" ކަމަށެވެ. މީގެ ސަބަބުން ޝަކުވާ ލިބެންވީ ފަރާތާއި ޖަވާބުދާރީވާންޖެހޭ ފަރާތް ފަސޭހައިން ދެނެގަނެވޭނެއެވެ.
މީގެ އިތުރުން، ސަރުކާރަށް ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، އާންމުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން އެ ޝަކުވާއެއް ހުށަހަޅާ އެއްވެސް މީހަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.