މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުރިކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު، މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. މިއީ ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރި 1.2 ބިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި ނިމުނު އަހަރުގެ މާޗު މަހު ރަސްމީ ރިޒާވްގައި ހުރި 791 މިލިއަން ޑޮލަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވް ހުރި މިންވަރު ވަނީ 68.2 އިންސައްތަ އިތުރުވެފައެވެ.
ރަސްމީ ރިޒާވްގެ އިތުރަށް، އެމްއެމްއޭއިން ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިޕޮސިޓުކޮށް ރައްކާކޮށްފައި ހުރި ބޭރު ފައިސާގެ އަދަދު މާޗު މަހުގެ ނިޔަލަށް 81 މިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން ރާއްޖޭގެ ޖުމްލަ ރިޒާވް މި މުއްދަތުގައި ހުރީ 1.4 ބިލިއަން ޑޮލަރުގައެވެ.
ބޭނުންކުރެވޭ ރިޒާވްގެ ހިސާބުތައް ބަލާއިރު، މި މުއްދަތުގައި ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ އެއް ބިލިއަނެއްހައި ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވް ހިސާބުކުރަނީ ޖުމްލަ ރިޒާވްގެ ގޮތުގައި ހިސާބުކުރެވޭ އަދަދުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކޮށްގެންނެވެ.
އެހެންކަމުން، ޖުމްލަ ރިޒާވްގެ ގޮތުގައި ހުރި 1.4 ބިލިއަން ޑޮލަރުން އެއް ބިލިއަން ޑޮލަރުގެ އިލްތިޒާމުތައް އުނިކުރުމުން، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި މާޗު މަހުގެ ނިޔަލަށް 408 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ކަށަވަރުވެއެވެ.